ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން އަނެއްކާވެސް ހުއްޓިއްޖެ އެވެ.
މިއަހަރު ޖޫންމަހުގެ ފަހު ކޮޅު ފެން އުފައްދާ، ފުޅީގައި ބަންދުކުރަން ފެށި މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ވަނީ ފެން ބާޒާރަށް ނެރުނު ފަހުން ދެފަހަރެއްގެ މަތިން ހުއްޓިފަ އެވެ.
ކޭއޯއަށް އެނގިފައިވާ ގޮތުގައި އަނެއްކާވެސް ކާރުހާނާގެ މެޝިނެއްގެ މައްސަލައެއްގައި ފެންބަންދު ކުރުން ހުއްޓިފައި ހުންނަތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވެއްޖެކަމަށާއި މައްސަލަ ޖެހުނީ ފުޅި ބަންދުކުރަން ހުންނަ މެޝިންތަކުގައި ތެރެއިން ލޭބަލިންގ މެޝިންގައި އެވެ.
ނަންހާމަ ކުރަން ބޭނުންނުވާ ވިޔަފާރި ވެރިއަކު ބުނީ ކާރުހާނާގެ ހިދުމަތް ދޭން ފެށިފަހުން ފުޅިގައި ފެންބަންދުކުރުން ހުއްޓުނު މިއީ ތިންވަނަ ފަހަރުކަމަށާއި މިހާރު ފެންހެދުން ހުއްޓިފައި ހުންނަތާ ދޮޅުމަހެއްހާ ދުވަސް ވެއްޖެކަމަށާއި މިހާރު އިންޖިނޭރަކުގެނެސްގެންވެސް މައްސަލަ ހައްލުކުރާހާ ދުވަސްވެއްޖެ އެވެ.
"އެތަނުން ހިދުމަތް މެދުކެނޑޭ ކޮންމެ ފަހަރަކު މާލެއިން ސްޓޮކެއް ގެންނަން މިޖެހެނީ މިހެން ވުމުން ވަރަށް ބޮޑަށް ގެއްލުން އެބަވޭ. އެހިދުމަތަށް އަޅުގަނޑުމެން ޑިޕެންޑް މިވަނީ މާލޭއިން ގެނައުމުގެ ބަދަލުގައި ކުޅުދުއްފުށިން ފެންގަތުމަށް. އެހެންނަމަވެސް އެކަށީގެންވާގޮތެއްގައި އެހިދުމަތެއް އެތަނުން އަދިވެސް ނުލިބޭ. އެކުންފުނިން މާލޭއިން ގެނެސްގެން ފެން އެބަދޫކުރޭ އެއީ އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއްނޫން." ވިޔަފާރިވެރިޔާ ބުންޏެވެ.
މެޝިނުގައި މައްސަލަ ޖެހުމުން ބައެއް ސައިޒްތަކުގެ ފެން އެތަނުން ވިއްކަމުންދަނީ މާލެއިން ސްޓޮކެއް ގެނެސް، އަގުބޮޑުކޮށްނެވެ.
އެމީހާ އިތުރަށް ބުނީ ކުޅުދުއްފުއްޓާއި ބޮޑު ތިލަދުންމަތީގައި ފެނުގެ ޑިމާންޑް ބޮޑުކަމުން އަދިވެސް އެމައްސަލަތައް ހައްލުކޮށް މެދުނުކެނޑި އެހިދުމަތް ދޭން ބޭނުން ނުވާކަމަށެވެ.
ވިޔަފާރިވެރިންގެ މިކަންބޮޑުވުންތަކާ ގުޅިގެން ކޭއޯއިން އައިބީއެމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ އަދި ކާމިޔާބު ނުވެފަ އެވެ.
މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި އައިބީއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވެފައިވަނީ ފުޅީގައި ފެންބަންދުކުރުމަށް ކުޅުދުއްފުށީގައި ގާއިމުކޮށް ހިދުމަތް ދެމުންދިޔަ ފެކްޓަރީގައި ހުރި ދެ މެޝިނަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިރާދަކުރެއްވިއްޔާ އެހިދުމަތް އަލުން ވަރަށް އަވަހަށް ފޯރުކޮށްދެވޭނެކަމަށެވެ.
"ބައެއް މެޝިންތަކުގައި މައްސަލަތައް އުޅޭކަން ޖުލައިމަހު އަޅުގަނޑުމެންނަށް ފާހަގަވި. މެޝިންތައް އިންސްޓޯލްކޮށް ހަވާލުކުރެވިފައިވާ ކުންފުންޏާއި އޮންލައިންކޮށް ގުޅައިގެން މިދަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަދި ވީޑިއޯ މެދުވެރިކޮށް ހައްލުކުރެވެން ހުރި ކަންތައް ހައްލުކުރަމުންދާ ކަމަށާއި ބައެއް ކަންތައް މިހާރުވަނީ ހައްލުކުރެވިފައި." ކުރިން ދީފައިވާ އިންޓަވިއުއެއްގައި އިބްރާހިމް އަންވަރު ވިދާޅުވި އެވެ.
އިބްރާހިމް އަންވަރު ވިދާޅުވީ މިހާރު ވާނީ އިންޖިނޭރަކު ގެނެސްގެން މައްސަލަ ހައްލުކޮށްދިނުމަށް އެކުންފުންޏާއެކު ވާހަކަ ދެއްކެވިފައިވާކަމަށެވެ. އަދި އެމްޑަބްލިއުއެސްއާއެކުވެސް މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުންދާކަމަށާއި ކުޅުދުއްފުއްޓާއި މިސަރަހައްދުގައި ޑިމާންޑް އޮތްކަމަށާއި ހިދުމަތް މެދުނުކެނޑި ކާރުހާނާއިން އެހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ދާނެކަމަށެވެ.
މިތަނުން ފެން އުފައްދާ ބާޒާރަށް ނެރެން ފެށުމާއެކު މިސަރަހައްދުގައި ތާޒާ ފެން ފުޅީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފަ އެވެ. މިތަނުގައި ހަތަރު ސައިޒެއްގެ ފުޅީގައި ދަނީ ފެން ބަންދުކުރަމުންނެވެ.