ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައިފި އެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާ އެގުޅުން އެގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ބޮޑު ވަޒީރު ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ރާއްޖޭގެ އުމުރާނީ ތަރައްޤީއާ މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޒަމާންވީ ބަދަހިގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.