twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ގެއެއްގައި ބަޔަކު އަލިފާން ރޯކޮށްލައިފި

Oct 22, 2019

ކުޅުދުއްފުށީ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކޮށްފައިވާ އަމަލެއްކަމަށް ބެލެވޭކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ "ކަކާގެ" ނަމަކަށް ކިޔާގެއެއްގަ އެވެ.

އެމްއެންޑީއެފް ނޮދަރ އޭރިޔާގެ ފަޔަރ ސްޓޭޝަންގެ ސިފައިނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 4:16 ގަ އެވެ. ސިފައިން އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ 4:40 ގަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު އެގޭގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ގޭގެ ވެރި މީހައާ ވާހަކަދެއްކުމުން އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އެނގޭ ކަމަށެވެ.

އަދި އެތަނުން އެކަމުގެ ހެކި ފެންނަށް ހުރިކަމަށްވެސް ލަތީފް ފާހަގަކުރެއްވި އެވެ. އަލިފާން ރޯކޮށްލާފައިވަނީ ވިޔަފާރިކުރާ މީހަކަށް ކުއްޔަށް ދީފައިހުންނަ ތަނެއްގައި އެވެ. އެތަނުގައި އެމީހާގެ ސައިކަލަކާއި ރަށު ޕިކަޕެއް ހުރި ކަމަށާއި އެ ތަކެތިވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.

އަލިފާންގަނޑު ފެތުރު އެގޭގެ އެހެން ބައެއް ސަރަހައްދުތަކުގައިވެސް ވަނީ ހުޅު ހިފާ، ވަރަށް ބޮޑަށް އަނދާފަ އެވެ. ލަތީފް ވިދާޅުވީ ކުއްޔަށް ހުންނަށް ތަނަށް ހުޅު ލުމަށްޓަކާ ބޭނުންކުރި ބައެއް ސާމާނު އެތަނުން ފެނުނު ކަމަށެވެ. އެގޮތުން ހަރުގަނޑަކާއި ފޮތިގަނޑަކާއި ދަނޑިއެއްވެސް ފެނުނު ކަމަށެވެ. މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ އެއްގޮތަކަށްވެސް ބަލާ ގަނެވޭނެ އަމަލެއް ނޫން ކަމަށް ލަތީފް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ކަކާގޭ އިތުރުން އެ ގެ އާއި ޖެހިގެން ނަހާގެޔަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355