twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފޯކައިދޫ ބަނދަރު އަޕްގުރޭޑްކުރުން: ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް

ނަބީލާ އިސްމާޢީލް
Oct 27, 2019
1

ކޮންމެ ހުޅަނގު މޫސުމަކާއެކު ށ.ފޯކައިދޫ ރައްޔިތުންނަށް ލަފާ ފުރުމުގެ ދަތިތަކަކީ އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ބަނދަރުގެ އެއްވެސް ހިމާޔަތެއް ރައްކާތެރިކަމެއް ނުލިބެއެވެ. ކަނޑުން އަންނަ ބޮޑެތި ރާޅުތައް އެއްވެސް ހުރަހެއް ނެތި ބަނދަރުގެ ތެރެއަށްވަދެ އެއްގަމަށް ރާޅުތައް ބިންދާލަ އެވެ.

2000 މީހުންގެ އާބާދީ އޮންނަ މި ރަށުގައި މިހާރު މި އޮތް ބަނދަރަކީ 2003 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި ހަދާފައިވާ ބަނދަރެކެވެ. ބަނދަރު މަރާމާތުނުކޮށް ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ބޭނުން ހިފަން ދަތިވެފަ އެވެ. އޮޑިދޯނިފަހަރު ގިނަވެ ދަތިތައް ކުރިމަތިވަމުންދާތީ ފާއިތުވި ދުވަސްތަކުގައި އެކަމަށް ހައްލު ހޯދާދިނުމަށް ދިޔައީ ސަރުކާރުތަކުގައި އާދެސް ކުރަމުންނެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ ކިތަންމެ މަޑު ދުވަސްކޮޅެއްގައިވެސް ރަށުގެ ބަނދަރުން ލަފާ ފުރުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި އޮޑި ދޯނި ފަހަރު އަޅަން ޖެހެނީ ރަށުގެ ފުއްޓަރު ފަރާތުގައި ކަމަށެވެ. އަދި ފުއްޓަރު ފަރާތުގައި އަޅާފަ ހުންނަ ދޯނި ފަހަރަށް އަރަން ޖެހެނީ ބޮއްކުރާގައި ގޮހެވެ. މި ގޮތަށް އަރަން އުޅުމުގެ ތެރޭގައި ބޮއްކުރާ ބަންޑުން ޖަހާލައި ވަރަށް ހިތާމަވެރި ހާދިސާތައް ދިމާވެފައި އެބަ ހުރިކަމަށެވެ.

12 ވަރަކަށް ކަންނެލި ދޯންޏާއި މާލެ ދަތުރުކުރާ 3 ބޯޓް އޮންނަ މި ރަށުގެ ބަނދަރު މި ދޯނި ފަހަރަށް ބޭނުމެއް ނުކުރެވެ އެވެ. އެދޯނި ފަހަރު އަޅަން ޖެހެނީ ކައިރި އެހެން ރަށްތަކުގެ ބަނދަރުގައި އެވެ. އެހެންވުމުގެ ސަބަބުންވެސް ދޯނިފަހަރުތަކުގައި މަސައްކަތްކުރާ މީހުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ އެވެ. އެގޮތުން އެހެން ރަށްތަކުގެ ބަނދަރުގައި އެޅިކަމުގައިވިޔަސް ދޯނިފަހަރުގައި ޑިއުޓީ ކުރަން ޖެހުމާއި އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތުތައްވެސް ނުލިބެ އެވެ. ރަށުގެ ބަނދަރު ހެދިގެން ދިއުމުން މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކޮންމެ ރޯދަމަހަކަށް ހުރިހާ ކަންނެލި އޮޑިފަހަރު ރަށަށް އަނބިދަރިން ކައިރިއަށް ޗުއްޓީ ހޭދަކޮށްލުމަށް އާދެ އެވެ. ނަމަވެސް އެ ރައްޔިތުންނަށް އާއިލާއެކު ވަގުތު ހޭދަކޮށްލަން އަންނަ މިމަހުވެސް ޑިއުޓީ ބަހައިގެން ތިބެން ޖެހެނީ ދޯނި ބަލަހެއްޓުމުގައި އެވެ.

އަދި ބަނދަރުގެ ދަތިކަމުގެ ސަބަބުން ސްކޫލް ނުވަތަ ރަށުފެންވަރުގެ މުބާރާތްތަކަށް އެހެން ރަށްރަށުން އަންނަ ލޯންޗް ފަހަރަށްވެސް މަޑުނުކޮށް މީހުން ބޭލުމަށްފަހު އެނބުރިދާން ޖެހޭތީ ދެ ދަތުރެއްގެ ގޮތުގައި ހަމަޖައްސަން ޖެހުމުން ވަރަށް ދަތިވާކަމަށާއި މާލެ ދަތުރުކުރާ ބޯޓްތައްކަށްވެސް މުދާ ހުސްކުރުމަށް ފަހު ބަނދަރުގައި ނުބޭއްވޭ ކަމަށެވެ. އެއީ ތަކުލީފް ބޮޑު ކަމެއްކެވެ. ރައްޔިތުންގެ މި ތަކުލީފަށް ހައްލު ހޯދުމަށްޓަކާ އަދުގެ ސަރުކާރުން ވަނީ މިހާރު މަސައްކަތް ފަށާފަ އެވެ.

ފޯކައިދޫ ބަނދަރު އަޕްގުރޭޑްކުރާނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެ ހިތްހަމަޖެހުމާއެކު ރައްޔިތުން ތިބީ އުންމީދެއްގައި އެވެ.

ރާޝިދު ވިދާޅުވީ މިހާރު އޮތް ބަނދަރާ ގުޅިގެން ދެކުނަށް 250 ފޫޓްގެ ފުޅާ 600 ފޫޓްގެ ބޮޑު ބަނދަރެއް ހިލަތޮށި ޖެހުމަށް ފަހު ތަރައްގީ ވެގެންދާނެ ކަމަށާއި މިއީ 2003 ވަނަ އަހަރުން ފެށިގެން ހައްލު ހޯދުމަށް ކުރެވެމުން އަންނަ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މިހާރު މި މަސައްކަތްދާ ސްޕީޑާއި މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް އުންމީދަކީ ވީހާވެސް އަވަހަށް ހައްލެއް ލިބިގެން ދިއުން ކަމަށެވެ. އަދި ޑިސެމްބަރު ފަހު ކޮޅު ނުވަތަ ޖެނުއަރީ މަސްތެރޭ މަސައްކަތް ފެށޭ ވަރުވާނެ ކަމަށެވެ.

މިމައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު މިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ފޯކައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕުލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއުލާނު ކުރި މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ޝަރުތު ހަމަވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތް ތަކަށް ވަނީ ހުޅުވާލެވިފައެވެ. އަދި އެމިނިސްޓްރީން ހާމަކުރާ ގޮތުގައި މި ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަށްޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355