ސިވިލް ސާވިސްގެ މުވައްޒަފުން ހަމަނުޖެހުމަށް ގޮވާލާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ބާރު އަޅައިދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސާވިސް މުވައްޒަފުންނަށް ފުރިހަމަ އަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި ކަމަށާއި ނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ބާރު އަޅުއްވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެން އެކަމާއި މަޝްވަރާ ކުރެއްވި ކަމަށެވެ.
އެކަމަށް ބާރު އަޅައިދިނުމަށް ނަޝީދު އެދިވަޑައިގަތީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިފައިވާ ހިޔާލުފާޅުކުރުމުގެ ހައްގާ ގުޅޭ ގޮތުން ސިވިލް ސާވިސްގެ ޒިންމާދާރު އިސް ވެރިންނާއި އޮފީސްތަކުގެ އިސް ވެރިން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގަން ވެސް ކޮމިޝަނުގައި އެދިވަޑައިގެންނެވި ކަމަށްވެސް ނިއުޝާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންނާ އެކު ނަޝީދު މިފަދަ މަޝްވަރާތަކެއް ކުރައްވާފައި މިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ މައްސަލައިގައި އެ ޖަމިއްޔާ އުވާލަން ގޮވާލާ މުޒާހަރާތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެމްޑީއެންއާ ދެކޮޅަށް ބޭންއެމްޑީއޭ ގެ ނަމުގައި މަޝްހޫރު ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑީއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ އަދި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ފާހަގަކުރެވެ އެވެ.