ހއ ހޯރަފުށީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ފުޓްސަލް ޓްރެއިންގ ޕްރޮގުރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
އަމާންވެށި ޕްރޮގުރާމްގެ ދަށުން "ކުޅިވަރުން ފަހިކަން" ނަމުގައި މިމަހު 21-29 އަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގުރާމުގައި 30 ފަރާތްތަކުން ބައިވެރިވެ ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. މިއީ 16 އަހަރާއި 29 އަހަރާ ދެމެދުގެ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ ތަމްރީން ޕްރޮގުރާމެކެވެ.
ހޯރަފުށީ ސެފްރޯން ރެސްޓޯރަންޓްގައި ރޭ ބޭއްވި ސެޓްފިކެޓް ދިނުމުގެ ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިވިޝަނަލް ސަޕޯޓް ހެޑް ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އާސިމް އަބުދުﷲ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސިމް ވިދާޅުވީ، ހުރިހާ މުއައްސަސާތައް ގުޅިގެން ހޯރަފުއްޓަކީ ކުށް މަދު ހެޔޮ ލަފާ ޒުވާނުންތަކެއް ދިރިއުޅޭ ރަށެއްކަމުގައި ހެދުމަށް އެދިލެއްވި އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއީ ފަހުގެ ތާރީހުގައި އެރަށުގައި ޒުވާނުންނަށް ބޭއްވިގެންދިޔަ އެންމެ ފުރިހަމަ ޕްރޮގުރާމްކަމަށާއި މި ފަދަ ޕްރޮގުރާމެއް ރާވާ ދެއްވީތީ ފުލުހުންނަށް ޝުކުރުއަދާކުރެއްވި އެވެ. މި ޕްރޮގުރާމުން ދަސްވީ ހަމައެކަނި ފުޓްސެލް ކުޅެން ނޫންކަމަށާއި ކުޅުންތެރިން ގައިގަ ހުންނަ ޖެހޭ ރިވެތި ސިފަތައް ވަރަށް ރަނގަޅަށް ލައިދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕީޑީއޭގެ ތަޖުރިބާކާރުން ކިޔަވައިދެއްވި މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒާއި ހއ އެޓޯލް ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބުދުއްގައްޔޫމާއި އެ ސަރަހައްދުގެ ރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ ވެރިން އަދި ހޯރަފުށީގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވި އެވެ.