twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހޯރަފުށީ މޮއިފެޅި ދޯނި ގެއްލުނު ހާދިސާ - ތާރީޚުގެ ތެރެއިން

ހ.މ
Jul 23, 2022
3

މި ހާދިސާއަކީ ހޯރަފުށީގެ ތާރީޚުގައި ހިނގައިދިޔަ މިފަދަ އެންމެ ބޮޑު ހާދިސާއެވެ. މީގެ އެތަކެއް އަހަރު ކުރިން ހިނގައިދިޔަ މި ހާދިސާގެ ތަފްޞީލް ދެއްވީ، ހޯރަފުށީ ކުޑަ ކަތީބު ކަމާއި، ކަތީބު ކަމާ އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަގާމުވެސް އަދާކޮށް މިހާރު ރިޓަޔަރ ކުރައްވައިގެން ހުންނެވި އަލްފާޟިލް މުޙައްމަދު ވަޙީދު އުޘްމާނެވެ. މުޙައްމަދު ވަޙީދަކީ ހޯރަފުށީގެ މިފަދަ ތާރީޚީ އެތައް ކަމެއް ބަލާ ހޯދައި ރައްކާ ކުރައްވަމުން ގެންދަވާ ފަރާތެއްވެސް މެއެވެ. މި މަޢްލޫމާތު ހިއްސާ ކޮށްދެއްވި ކަމަށްޓަކައި އަލްފާޟިލް މުޙައްމަދު ވަހީދު އުޘްމާނަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

--------------------------------------------

އެއީ މީގެ 75 އަހަރު ކުރިއެވެ. ހިޖުރީ ސަނަތުން 25 ރަބީޢުލްއައްވަލް 1366 ވަނަ ދުވަހެވެ. މީލާދީގޮތުން ނަމަ 1947 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވަނަ އަށްވީ އާދީއްތަ ދުވަހެވެ. އާދައިގެ މަތިން މަސްވެރިކަމަށް ނުކުމެ އުޅުނު ހޯރަފުށީގެ 4 ދޯނީގެ ތެރެއިން ދޯންޏެކެވެ.

މިދޯންޏަކީ ހިނދޯ ޙަސަންގެ ޔޫސުފުގެ ބޮޑުރިޔާ އައުދޯންޏެވެ (މޮއިފެޅި). މޮއިފެޅި މިނަން ދެވުނު ގޮތަކީ، ކުރީ ޒަމާނުގައި މީހުން މަސް ބާނާއިރު މި ދޯނި މީހުން ހަދާ ގޮތަކީ އިރުވައި މައްޗަށް، މޮއިހިރަށް އަރާގެން މި މީހުން މަސް ބާނަނީ. އެގޮތަށް ހެދީމަ އެހެން ދޯނިތަކުގެ މީހުން ވަރަށް ރުޅިވެސް އަންނާނެ. އެއީ ދަހިކޮށް މަސް ބާނަމުން އަންނަ އިރު އެގޮތަށް ހެދީމަ އެހެން ދޯނިތަކުގެ ކައިރިން މަސްތައް ދުއްވާ ގަންނާނެ. އެގޮތުން ހޯރަފުށީ މީހުން މިދޯންޏަށްކީ ނަމެއްމީ މޮއިފެޅި.

ހާދިސާ ހިނގި ދުވަހު އެ ދޯނިން މަހަށްދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 1. ކެޔޮޅު – ނައިބު އަލީގެ ދޮން ޔޫސުފް، 2. ހިނދޯ ހަސަން، 3. ދޮން އަލީ ތަކުރުފާނުގެ އިބްރާހިމް، 4. ކަޅު ހަސަން ޢަލީ، 5. ނައިބު އިބްރާހީމްގެ އަބޫބަކުރު، 6. ބޭފާނު މޫސާގެ އިބްރާހީމް، 7. ނައިބު އަލީ ދޮންތުއްތުގެ އިބްރާހީމާއި އަދި 8. ހިނދޯ ހަސަންގެ މުހައްމަދު، މި މީސް މީހުންނެވެ.

މަހަށްދިޔަ 4 ދޯނިވެސް އޮތީ އެއްތާކުގައެވެ. މަސްވެރިކަން ރަނގަޅެވެ. މޮއިފެޅި ދޯނިވެސް އަޑިޔަށްލާވަރަށް މަސްބޭނި ކަމަށްވެއެވެ. ކުއްލިޔަކަށް މޫސުން ގޯސްވެ ވަރުގަދަ ވިލާގަނޑެއް ބޯމަތިވަމުން އަންނަތަން ފެނުނެވެ. ކައިރި ރަށްތައްވެސް އޭރު ނުފެނެއެވެ. އަނެއް 3 ދޯނީގެ މީހުން އަވަހަށް ރާއްޖެއާ ދިމާލަށް މިސްރާބު ހިފިއެވެ. މޮއިފެޅި ދޯނީގެ ކެޔޮޅު ދޮން ޔޫސުފަށްވެސް، ރާއްޖެއާ ދިމާލަށް އަނބުރާލުމަށް، އެތަނުން ދޯންޏަކުން ގޮވިއެވެ. ރާއްޖެ އަތުނުވެދާނޭ އަވަހަށް ރާއްޖެއާ ދިމާލަށް އަނބުރާލަން ގޮވަމުން ދިޔައެވެ. ނަމަވެސް، މޮއިފެޅި ދޯނި އަނބުރާލީ ދިމާ ބޭރަށެވެ.

ރަށާ ދިމާލަށް އަނބުރާލި 3 ދޯނީގެ މީހުންނަށް އާދެވޭވަރުވީ 2 ދުވަސް ފަހުންނެވެ. މޮއިފެޅި ދޯނީގެ ޚަބަރެއްނުވެއެވެ. މިހާރާ ޚިލާފަށް އެއްވެސް ކަހަލަ މުވާސަލާތީ ގުޅުމެއް ނެތް ދުވަސްވަރެކެވެ. ވާނުވާ އެނގޭނޭ އެއްވެސް ގޮތެއް ނެތެވެ. މަހަށްދިޔަ މީހުންގެ އާއިލާތަކާއި މުޅި ރަށު އެންމެންވެސް މިހާދިސާގެ ހިތާމަ ދުވަސްތަކެއް ވަންދެން ކުރިއެވެ. އަދި މި ހިތްދަތިކަމުގެ ތެރޭގައި ދޮން އަލި ތަކުރުފާނުގެ އިބްރާހީމުގެ މަންމަވެސް ބަލިވެ، އެ ބަލީގައި ނިޔާވިއެވެ.

މޮއިފެޅި ދޯނީގެ ޚަބަރެއް ނުވެގެން ރަށުގެ ވެރިން މާލެއަށް، ސަރުކާރުގެ ވުޒާރާތުލް ދާޚިލިއްޔާއަށް ސިޓީ ފޮނުއްވިއެވެ. އަދި ސަރުކާރުން ސިލޯނާއި އިންޑިޔާ ސަރުކާރަށް ދަންނަވައިގެން އޭރުގައި އެކަންކަން ހިނގަމުން އަންނަ އުސޫލުން، ދޯނީގެ ޚަބަރެއްވޭތޯ ބެއްލެވިއެވެ. އެހެން ނަމަވެސް އެ ދޯންޏާއި ބެހޭ އެއްވެސް ޚަބަރެއް ނުލިބެއެވެ. އަދާ ހަމައަށްވެސް މޮއިފެޅި ދޯނިން މަހަށްދިޔަ މީހެއްގެ ޚަބަރެއް އަދި ދޯނީގެ ޚަބަރެއްވެސް ނެތެވެ.

މާތް ﷲ، ހިނދޯ ޙަސަންގެ ޔޫސުފުގެ ބޮޑު ރިޔާ އައުދޯނިން އެދުވަހު މަހަށްދިޔަ މީހުންގެ ފާފަތައް ފުއްސަވައި ދެއްވާދޭންވެ. އަދި އެއުރެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވާށި. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355