twitterviber whatsapp telegramfacebookyoutube instagram
12th November 2019

މަސް ފެކްޓްރީއާއެކު ވައިކަރަދޫއަށް ދިރުން

އަބްދުލް ވާހިދު ޙަސަން
Nov 1, 2019
1

ހދ. ވައިކަރަދޫގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ މާލެއަށް ހިޖްރަކޮށްގެންނެވެ. އެހެންވެ ރަށުގައި ދިރިއުޅެނީ ވަރަށް މަދު ބަޔެކެވެ. ބައެއް ފަހަރު އެރަށުގައި އުޅޭއިރު މިއުޅެވެނީ ފަޅު ރަށެއްގައި އޭ ހިވާ ފަހަރުވެސް އާދެ އެވެ. އެހާވެސް އާބާދީ ވަނީ މަދުވެފަ އެވެ. އަތޮޅާއި ރަށުގައި އިގްތިސޯދީ ހަރަކާތްތައް ނެތުމުގެ ސަބަބުން މާލެއަށް ހިޖްރަ ކުރުމުގެ މައްސަލަ އެންމެ ބޮޑު އެއްރަށަކަށް ވައިކަރަދޫ ވާނެ އެވެ.

އެކަމަކު އެ މަންޒަރު ބަދަލުކޮށްލާނެ މަޝްރޫއެއް މިވަނީ އަމިއްލަ ފަރާތަކުން އިސްނަގައިގެން އެރަށުގައި ފަށާފަ އެވެ. ބުލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން މިވަނީ ވައިކަރަދޫގައި ދާދި ފަހުން މަސް ފެކްޓްރީގެ ހަދައި އެ ވިޔަފާރި ޓްރައިލެއްގެ ގޮތުގައި ފަށާފަ އެވެ. މި މަޝްރޫއު ވެގެންދާނީ ވައިކަރަދޫގެ އިތުރުން އަތޮޅަށާއި ސަރަހައްދަށްވެސް ދިރުން ގެނުވާނެ މަޝްރޫއަކަށެވެ.

"އިގްތިސާދީ ގޮތުން އަތޮޅު މި އޮންނަނީ ވަރަށް ނިކަމެތިކޮށް. އަހަރެމެން އަބަދުވެސް މިދެއްކެނީ ސަރުކާރުން ކަންތައްތައް ނުކޮށްދޭ ވާހަކަ. ބައިވަރު ފުރުސަތުތަކެއް އެބަހުރި، އެފުރުސަތުތައް މި ޖެހެނީ އުފައްދަން އަހަރެމެން. ދެން އެގޮތަށް ބަލާފަ އަހަރެން ނިންމީ ވައިކަރަދޫގައި ކުރެވިދާނެކަމެކޭ މިއީ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް ހެދުން." ބުލޫ އޯސަނިކް މޯލްޑިވްސްގެ ހިއްސާދާރު އަބުދުﷲ ނިޝާން ވިދާޅުވި އެވެ.

އުތުރުގައި މަސް ޕްރޮސެސް ކުރާ ފެކްޓްރީއެއް ނެތްކަން ފާހަގަކުރައްވަމުން ނިޝާން ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރަށުގައި ތިބެގެން ސަރަހައްދުގެ ޒުވާނުންނަށް ފަސޭހަ އިން އާމްދަނީއެއް ލިބިގެންދާނެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މިފަދަ މަޝްރުއެއް ހިންގަން ވިސްނީ އެގޮތަށް ބަލާފަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފެކްޓްރީގެ މައިގަނޑު މަސައްކަތަކީ މަސް ގަނެ، މަސް ޕްރޮސެސްކޮށް ރާއްޖޭއިން ބޭރަށް ފޮނުވުންކަމުގައިވިޔަސް ކަނޑުގެ އެހެނިހެން ތަފާތު ބާވަތްތައް ގަނެ އެވެ. އެގޮތުން ބޯވަ، ރާކަނި، ހަނދަ، އިހި ހިމެނެ އެވެ. ކުޑަ ގޮތަށް ބުނާނަމަ ފަރުހިލައިގެން ލިބޭ ހުރިހާ ބާވަތެއްގެ އެއްޗެހިވެސް މި ފެކްޓްރީން ގަނެ އެވެ. އެ ޔަގީންކަން މިހާރު ރަށުގެ ރައްޔިތުންނަށް އޮވެ އެވެ.

ފެކްޓްރީ ހުޅުވައި މަސައްކަތް ފެށިތާ އަދި ތިންމަސް ނުވާއިރު ރަށުގައި އުޅޭ ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ނިޝާނު ވިދާޅުވީ މިހާރު ރަށުގައި ވަޒީފާއެއް ނެތި އެއްވެސް ޒުވާނަކު ނޫޅޭނެ ކަމަށެވެ. ރަސްމީ ވަޒީފާގައި އުޅޭ ފަރާތްތަކުންވެސް އިތުރު ގަޑީގައި މަހަށް ގޮސް ފެކްޓަރީ މަސް ކޮޅު ކިރާލައިގެން ރަނގަޅު އާމްދަނީއެއް ހޯދަމުންދާ ކަމަށެވެ. އަދި ބޯވަ ފަދަ އެއްޗެހި ނަގައޮ ޒުވާނުންނަށްވެސް ރަށުގައި ތިބެގެން ރަނގަޅު އާމްދަނީއެއް މިހާރު ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ކަޅުބިލަމަހާއި ލަނޑާގެ ވިޔަފާރިއަށް ކުރިއަށް

ނިޝާން ވިދާޅުވީ، ފަރުމަހާއި ކަނޑުގެ ތަފާތު ބާވަތްތައް ގަނެ ޕްރޮސެސްކުރި ނަމަވެސް ކުރިއަށްއޮތްތާ ލަނޑާ ގަނެ ބޭރަށް ފޮނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"ލަނޑާގެ މަސްވެރިންކަން އަދި ނުފެށޭ. ވައިކަރަދޫން ސީދާ ބޭރަށް އެކްސްޕޯޓް ކުރާތީ އަދި ބައިވަރު ހުއްދަތަކެއް ނަގަން އެބަޖޭ. އެހެންވެ ލަސްވެގެންދަނީ. އެ މަރުހަލާ މިހާރު ކުރިއަށްދަނީ. މިބަލަނީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ލަނޑާގެ މަސްވެރިކަންވެސް ފެށިގެންދާނެކަމަށް. ލަނޑާ ގަނެ އެތަނުން ޕްރޮސެސްކޮށްފަ، އެކްސްޕޯޓްކުރަން." ނިޝާން ވިދާޅުވި އެވެ.

ފެކްޓްރީގެ ދުރު މުސްތަގުބަލަށް ބަލާއިރު ކަނޑުމަހުގެ ވިޔަފާރިއަށްވެސް ދަނީ ބަލަމުންނެވެ. ނިޝާން ވިދާޅުވީ، ކަޅުބިލަ މަސް ގަނެ ބަންދުކުރެވި މާކެޓަށް ނެރުމަކީ ޓާގެޓެއް ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ބޭނުންވާ ކަންތައްތައް މިހާރުވެސް ދަނީ ކުރަމުންނެވެ. ކަޅުބިލަ މަހުގެ ވިޔަފާރިއާއެކު ވަޅޯމަހާއި ރިހާކުރު ފަދަ އިތުރު ބާވަތްތައްވެސް އުފައްދައި މާކެޓަށް ނެރޭނެ ކަމަށެވެ.

މަހެއްގެ މައްޗަށް ގާތްގަނޑަކަށް 6 ޓަނުގެ މަސް ޕްރޮސެސް ކުރާއިރު ކުރިއަށް އޮތް ދެ މަސްތެރޭގައި ކެޕޭސިޓީ ގާތްގަނޑަކަށް 15-20 ޓަނާ ދޭތެރެއަށް އިތުރުކުރެވިގެންދާނެ އެވެ. އޭނާ ވިދާޅުވީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ.

ފެކްޓްރީގައި ދާއިމީ ވަޒީފާގައި 3 މީހުން މަސައްކަތްކުރާއިރު ދުވަހު މުސާރައިގެ ގޮތުގައި 8 މީހަކު ދަނީ މަސައްކަތް ކުރަމުންނެވެ. ފެކްޓްރީގައި އުފައްދާ ތަކެތި ގަންނަ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތް ކަމަށާއި އެގޮތަށް އެދުމުން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތަކަށް މަސް ބަންދުކޮށްފައި ފޮނުވައިދޭނެ ކަމަށެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ މަސް ފެކްޓްރީއާއެކު ރަށަށް ކުރިއެރުންތަކެއް ލިބިގެން ގޮސްފި ކަމަށާއި ރަށުގައި ވަޒީފާއެއް ނެތި އުޅޭ ހުރިހާ ޒުވާނުން މިހާރު މަހަށްގޮސް މަސްކޮޅު ކިރާލައިގެން ރަނގަޅު އާންމުދަނީއެއް ހޯދަމުންދާ ކަމަށެވެ. ފެކްޓްރީގެ ސަބަބުން ރަށަށް ދިރުން ލިބިގެންގޮސްފައިވާ ކަމަށެވެ.

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިރުން ލިބިގެންދާނީ ހަމައެކަނި އެންމެ ރަށަކަށް ނޫނެވެ. މުޅި ސަރަހައްދަށެވެ. އަދި ސަރަހައްދަށް މަސްވެރިކަމުގެ އިގްތިސޯދު ފުޅާވެ ތަރައްގީވެގެންދާނެކަމީ ޔަގީންވެ ކަށަވަރުވާ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355