އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައި މުޅި އަލަށް ކުޅުދުއްފުށީގައި ފެށުމަށް 9 މަޝްރޫއުއެއް ހިމަނައިފި އެވެ.
އެންމެ މުހިންމު މަޝްރޫއުތަކަށް ބަލާއިރު އަންނަ އަހަރު ވަނީ ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރުމަށް ބަޖެޓްގައި 51 މިލިއަން ރުފިޔާ ހިމަނާފަ އެވެ. ރަނގަޅު ފެންވަރަށް މަގުތައް ހެދުމުގެ ދެވަނަ ބުރެއް ފެށުމަށް ނިންމާ ބަޖެޓްގައި ވަނީ 4.7 މިލިއަން ރުފިޔާ ހިމަނާފަ އެވެ.
މަގުތަކުގައި ހެދޭ ފެން ހިންދުމަށް ބޭނުންވާ ނިޒާމެއް ފެށުމަށް ބަޖެޓްގައި ފަސް ލައްކަ ރުފިޔާ އަންނަ އަހަރަށް ޖަހާފައިވެ އެވެ. ފަޔަރ ސްޓޭޝަން ވެހިކަލް ގަރާޛެއް ހެދުމަށް 6 ލައްކަ ރުފިޔާ ޖަހާފައިވެ އެވެ.
އަލަށް ފަށާ އެހެން މަޝްރޫއުތަކަށް ބަލާއިރު ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރުމާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރުމަށް 1.8 މިލިއަން ހިމަނާފައިވެ އެވެ. އަދި އިމިގުރޭޝަން އޮފީސް އިމާރާތް ހެދުމަށް 2.8 މިލިއަން ޖަހާފައިވެ އެވެ. މި އިމާރާތް ހެދުމަށް އެކި އަހަރުތަކުގައި ބަޖެޓްގައި ހިމެނި އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަންނަ އަހަރު 12 ކުލާސް ރޫމާއި އޮފީސް އިމާރާތް ހެދުމަށް 7.4 މިލިއަން ރުފިޔާ ހިމަނާފައިވާއިރު މެރީނާ އަދި ޔޮޓިންގް ފެސިލިޓީސް ގާއިމުކުރުމަށްވެސް ވަނީ ހިމަނާފަ އެވެ. މި މަޝްރޫއުއަކީ ރާއްޖޭގެ ފަސް ސަރަހައްދެއް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓަކީ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ރަށަކަށްވާތީ އަރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރޮޖެކްޓްތައް ބަޖެޓް ޓެންޑަރިންގ ގައި ހިމަނާފަ އެވެ.
މިއަހަރު ޕްރީ ޓެންޑަރިންގ ގެ މަޝްރޫއުތަކަށް ބަލާއިރު އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކުލާސް ރޫމުގެ މަސައްކަތާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި އައުޓްޑޯރ ޖިމް ހެދުމާއި މަގުތަކުގައި ސްޕީޑް ބުރޭކަރު ހަރުކުރުން ހިމެނެ އެވެ.