ކުޅުދުއްފުށީގެ ފުރަތަމަ ސިޓީ ކައުންސިލަށް ހޮވުނު މެންބަރުން ހުވާކުރުން މާދަމާ އޮންނާނީ ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ހުވާ ކުރުން މާދަމާ ހެނދުނު 09:00 ޖަހާއިރު އޮންނާނެ ކަމަށާއި ނަމަވެސް ކުޅުދުއްފުށީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެ ރަސްމިއްޔާތު އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައި ނުވާކަމަށެވެ.
މި ރަސްމިއްޔާރު ކުޅުދުއްފުށީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު ހޮވުނު ފުރަތަމަ ސިޓީ ކައުންސިލެވެ. އެގޮތުން މިދިޔަ އޭޕްރިލްމަހު ބޭއްވި ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ ގޮޑިއެއްވެސް ކާމިޔާބުކޮށްފައިވަނީ އެމްޑިޕީ މެންބަރުންނެވެ.
ނަމަވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ ހޯދީ އިދިކޮޅު ޕީޕީއެންއިންނެވެ. އެގޮތުން އެ ޕާޓީން ކޮމެޓީގެ ހަ ގޮޑި ތެރެއިން 4 ގޮޑި ވަނީ ކާމިޔާބުކޮށްފައެވެ.