ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދާ ޕާޓީ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވަގުތީ ރައީސް އަކަށް އެމަނިކުފާނު އިންތިހާބުކޮށްފި އެވެ.
އެމްއާރުއެމް އުފެއްދުމުގެ ގޮތުން އެ ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕް އިންތިހާބުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ އެޕާޓީ ހިންގުމަށް ވަގުތީ ރައީސް އެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިންތިހާބުކޮށްފައެވެ . އަދި އަސާސީ ގަވާއިދާއި އަދި ޕާޓީގެ ދިވެހި ނަމެއްގެ ގޮތުގައި "ދިވެހިންގެ އިސްލާހީ ހަރަކާތް" ކިޔަން ވަނީ ފާސްކޮށްފަ އެވެ.
އެމްއާރުއެމް ބުނީ ލޯގޯގެ ގޮތުގައި ފާސްކުރުމަށް ރޭގެ ޖަލްސާގައި ތިން ލޯގޯއެއް ހުށަހެޅުނުކަމަށާއި އޭގެ ތެރެއިން ފާސްކުރީ ގަދަ ފެހި ކުލަ އާއި ރަން ކުލަ ހިމެނޭ ލޯގޯ އެކެވެ. ޕާޓީގެ ކުލައަކަށް ވެސް ފާސް ކުރީ އެ ދެ ކުލަކަމަށާއި އެ ލޯގޯ ރަމްޒު ކޮށްދެނީ ޒުވާނުންގެ ހިތްވަރުންނާއި ރައްޔިތުންގެ އެއްބައިވަންތަކަމާއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުން ކަމަށެވެ
އަދި އަސާސީ ގަވައިދުގެ ދަށުން ވަގުތީ ގޮތުން ޕާޓީ ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީއެއް ކަނޑައަޅާ އެކޮމެޓީއަށް 20 މެންބަރުން އިންތިހާބު ކުރި އެވެ. އެއީ ފިރިހެން 10 މެންބަރުންނާއި އަންހެން 10 މެންބަރުންނެވެ.