twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް

އިބްރާހިމް ހަމީދު
Nov 8, 2019
1

ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި އާންމު ކުރެއްވި ހިތާބު ގައި ރައީސް ވިދާޅުވީ ޢާލަމުތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ ފާހަގަކުރަނީ ވަރަށް މަތިވެރި މަގުސަދެއްގައި ކަމަށާއި އެ މަތިވެރި ޒިކްރާއިން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އިންސާނެއްގެ ކިބައިގައި ހުންނަންވީ އަހުލާޤީ އެންމެ ރިވެތި ސިފަތައް ފެންނަން އޮތީ ކީރިތި ރަސޫލާ ހަޔާތްޕުޅުންކަމަށާއި އިންސާނީ މުޖްތަމައެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް އެކަލޭގެފާނު ވަނީ އަމަލީ ގޮތުން ދައްކަވައިދެއްވައިވާ ކަމަށެވެ.

އެކަކު އަނެކަކާ ބައްދަލުވެ ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ސަލާމްކޮށް އުޅުމަކީ އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދުކަން ފާހަގަ ކުރައްވަމުން ރައީސްގެ ހިތާބުގައި ވިދާޅުވީ އަނެކުންނަށް އިޙްތިރާމް ކުރުމާއި، މައާފުކުރުމާއި، ބަދަލު ނުހިފުމަކީ އެކަލޭގެފާނުގެ ސީރަތުން ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިންދުގަދަ މުތީތަކެއްކަމަށެވެ.

ކޮންމެ ކަމެއްގައިވެސް ބަހާއި އަމަލުން ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ވަފާތެރިވުމަކީ ނަޒާހަތްތެރިކަމުގައި އެންމެ މަތީ މިންގަނޑުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އަވައްޓެރިންނަށް ހެޔޮކޮށް ހިތާ، ފަގީރުންނަށާއި މިސްކީނުންނަށް އަދި ޔަތީމުންނަށް އެހީތެރިވުމަކީ އެކަލޭގެފާނު ދެއްކެވި ނަމޫނާ ކަމަށެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރާއިރު އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، އާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަޤީދާގައި ސާބިތުކަމާއެކު ހިފައި މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުން ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ރައީސް ހިތާބުގައި ކީރިތިރަސޫލާގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަނީ ތަހުނިޔާ ދަންވާފައެވެ. އަދި ހިތާބު ނިންމާލައްވާލެއްވީ ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކޮށްދެއްވާ އެރޫހު ދިރުވާ އާލާކުރުމުގެ ހެޔޮ ތައުފީގު އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވަމުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355