twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަރަށްއަރާ އުޅަނދުފަހަރުގެ ކަންތައްތައް ބަލަހައްޓާނެ އިދާރާއެއް ގާއިމްކުރަން ގޮވާލާ ގަރާރެއް

ނަބީލާ އިސްމާޢީލް
Nov 9, 2019

ރާއްޖޭގައި ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ސަރުކާރުގެ އިދާރާއެއް އުފެއްދެމަށް އެދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މިހައްމަދު ނާޒިމް ގަރާރެއް ހުށައަލައިފިއެވެ.

މެންބަރު ނާޒިމްގެ ފަރާތުން މަޖިލީހަށް ހުށައެޅި އެ ގަރާރުގައި ބުނެފައި ވަނީ މަސްދޯނިފަހަރާއި މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި އޮޔާދާ އުޅަނދުފަހަރާއި ބޭރު ދަތުރުކުރާ އުޅަނދުފަހަރު ފަރަށް އެރުމުން އެ އުޅަނދު ފުންކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރާނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް ބޮޑު ކަމަށެވެ. ފަރަށް އަރާ އުޅަނދުފަހަރު ފަހަރުތަކުގެ ކަންކަން ބަލަހައްޓައި ފުންކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ދައުލަތުގެ އިދާރާއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ ގަރާރުގައިވާ ގޮތުން ކަނޑުދުއްވާ އުޅަނދުފަހަރު ފަރަށް އެރުމުން އެފަދަ ތަކެތި ފުންކުރަން ވެރިފަރާތުން އެތައް ބުރައެއް އުފުލަންޖެހޭ ކަމަށާއި ފަރަށް އެރުންފަދަ ހާދިސާތައް ދިމާވުމުން ބައެއް އާއިލާތަކުން އެކަަމަކަށް ބަރޯސާވެގެން ބިނާކުރަމުންދާ ދިރިއުޅުމަށް ބުރޫއަރައި ކުއްލިއަކަށް ދިރިއުޅުން ބަދަލުވެގެންދާ ކަމަށެވެ.

އަދި އިތުރަށް މި ގަރާރުގައި ބުނެފައި ވާގޮތުން ފަރަށް އަރައި އުޅަނދެއް ހަލާކުވުމުން ހަލާކުވެގެން ދަނީ ހަމައެކަނި އުޅަނދެއް ނޫން ކަމަށާއި އެތައް ދިރިއުޅުމަކާއި އެތައް ބައެއްގެ އާމްދަނީގެ ވަސީލަތްތައް ކަމަށެވެ.

އަދި ފަރަށްއަރާ އުޅަނދު ފުން ކުރުމާއި ފަރަށް އެރުމުން ދިމާވާ ގެއްލުމުގެ ހުރިހާ ހަރަދެއްގައި ހިފުމުގެ އިތުރަށް ފަރަށް ލިބޭ ގެއްލުމުގެ ބަދަލުވެސް އެފަރާތަކުން ދޭންޖެހޭއިރު ކޮންމެ މީހަކީ އެފަދަ ތަނަވަސްކަން ހުރިމީހަކަށް ނުވުމަކީވެސް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

ރާއްޖެ ސަރަހައްދުގެ ތެރޭގައި ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތް ކުރާނެ ސަރުކާރުގެ އިދާރާއެއް ހަމަޖައްސައި އެކަމުގެ އުސޫލުތަކާއި ނިޒާމްތައް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމުގައި މެމްބަރު ނާޒިމްގެ ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355