twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޮޅިވަރަމްގައި ފުލުހުންގެ ހިދުމަތްފުޅާކޮށް، ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Nov 14, 2019
1

ހދ ނޮޅިވަރަމްގައި ދެމުންގެންދިޔަ ފުލުހުންގެ ހިދުމަތް ފުޅާކޮށް އެރަށުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި އެވެ. އެރަށުގައި ކުރިން ފުލުހުންގެ ހިދުމަތް ދެމުންގެންދިޔައީ ޕޮލިސް ޑެސްކަކުންނެވެ.

ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިއަދު މެންދުރުފަހު އެކަމަށްޓަކާ އެރަށުގައި ބޭއްވި ރަސްމިއްޔާތެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބުދުﷲ އާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޕޮލިސް ޑެސްކަކުން ފެނުނު މިމަސައްކަތް މިއަދު ސްޓޭޝަނަކަށް ބަދަލުވެ، ގާއިމުވެގެންދާ ދިޔުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށްޓަކާ ސަރުކާރުން ސަމާލުކަންދޭ މިންވަރު ކަމަށެވެ.

މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅެނީ އަތޮޅުތެރޭގައިކަމަށްވާތީ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ސަރުކާރުގެ ގާބިލުކަން ހުރި އެންމެ ރަނގަޅު މިންވަރަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރެވިގެން މިއަދު މިދަނީ ހަމައެކަނި ކުށްކުރާ މީހުން ހުއްޓުވާ ބައެއްގެ ގޮތުގައި ނޫން ކަމަށާއި ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވިގެން މިދަނީ ރައްޔިތުން ކުރަމުންދާ އިގްތިސޯދީ މަސައްކަތްތަކަށްވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިދޭގޮތަށްކަމަށެވެ.

އިމްރާން ވިދާޅުވީ ޕްރީ ސްކޫލުން ފެށިގެން ޒުވާނުންގެ މަރުކަޒުތަކުންވެސް، އެންމެން ބިނާވެ ތަރުބިއްޔަތުވާންވީން ހަމަޖެހޭ ކުށްމަދު ވެއްޓަކަށް ހެދުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއެކު ރައްޔިތުން މަސައްކަތްކުރަންވީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިންކަން އަދި ހުޅަހެޔޮ ވެއްޓަކަށް ހެދުމަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނާ ވިދާޅުވީ، ނޮޅިވަރަމްގައި ހުޅުވިގެން މިދިޔަ ފުލުހުންގެ ސްޓޭޝަނުގައި އެންމެ ޒަމާނީ ވަސީލަތްތައް އަދި ގާއިމުވެފައިނުވިނަމަވެސް ކުރިއަށް އޮތްތަނުގައި އިމާރާތާއި ޒަމާނީ ވަސީލަތްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާ މި ސަރަހައްދުގެ ވެރިންގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355