ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑު (ޔޫވީ) ގެ ކޯސްތަކުން 300 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓުގެ ކޯސްތަކުން ދަސްވެނިވެފައިވަނީ ތިންސަތޭކަ ސާޅިސް ފަސް ދަރިވަރުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓާ އަހުމަދު އަންވަރު ވިދާޅުވީ އަމިއްލަ ގައުމުގައި ހުރެގެން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އެ ކޮލެޖުން ފަހިކޮށްދީފައިވާ ކަމަށާއި އެކަމުގެ ހިތްހަމަޖެހުން ލިބޭ ކަމަށެވެ.
ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް މި ޕުރޮގުރާމް ތަކުގައި ބައިވެރިވެވޭ އިރު ފުރަތަމަ އަންޑަ ގްރެޖުއޭޓްގެ ހަތަރު ޕްރޮގްރާމުން ފެށި ނަމަވެސް މިހާރު އަންޑަ ގްރެޖުއޭޓްގެ ނުވަ ޕްރޮގްރާމާއި ޕޯސްޓް ގްރެޖުއޭޓްގެ ފަސް ޕްރޮގްރާމް ހިންގަމުން އަންނަ ކަމަށް އަންވަރު ވިދާޅުވި އެވެ.
ގައުމަށް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތައްޔާރުކުރުމަށް ރާއްޖޭގެ އިގްތިސޯދު މައުލޫމާތު ހޯދައި ލިބިގަތުމުގެ އުސޫލުތައް ބަދަލުވާއިރު ކިޔަވައިދިނުމުގެ ވައްޓަފާޅި ވެސް ބަދަލުކުރަންޖެހޭ ކަމަށް އަންވަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އެނގޭ ބަޔަކަށް ވާއިރު އެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ވިލާ ކޮލެޖުން އަމިއްލަ އަށް އިސްނަގައިގެން ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
ޔޫވީގެ ވައިސް ޗާންސެލާ ސްޓީވް ވެސްޓް ވިދާޅުވީ ދަސްވެނިވި ދަރިވަރުންނަށް މުސްތަގުބަލުގައި އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި 2015 ވަނަ އަހަރުން ފަށައިގެން ޔޫވީގެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންގޮސް މިހާރު އަންޑަ ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓުގައި 3000 ދަރިވަރުން ކިޔަވަމުން އަންނައިރު އެއީ މުސްތަގުބަލް އުޖާލާކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.