twitterviber whatsapp telegramfacebookyoutube instagram
4th May 2024

އަފްރާޝީމު އަވަހާރަކޮށްލަން ހަވާލުކުރީ ޖިހާދީ ފިކުރުގެ ޖަމާއަތަކުން: ރިޕޯޓް

ނަބީލާ އިސްމާޢީލް
Nov 17, 2019

ދީނީ އިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

ރިޕޯޓްގައި ވާ ގޮތުން ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށާއި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހު އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ރާއްޖޭގައި ހިނގަމުންދާ ޖިހާދީ ފިކުރުގެ ޖަމާއަތުން ރާވައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ޖިހާދީ ފިކުރުގެ އެ ޖަމާއަތް ހިންގުމުގައި އިސްވެ ތިބީ ދަފުތަރު ނަންބަރު 471 މުހައްމަދު މަޒީދާއި ތ.އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށެވެ.

ކޮމިޝަނުން ބުނި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރެއަށް ފަހު ޖެހިގެން އައި ދުވަހު ބަޔަކު މާލެ އިން ގަތަރަށް ފުރި ކަމަށާއި އޭގެ ތެރޭގައި އަފްރާޝީމަށް މިސްކިތެއްގެ ތެރޭގައި ހަމަލާ ދޭން އުޅުމުގެ ތުހުމަތު އޮތް ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހިމާއި މ. ހާދޫ މުހައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނެ އެވެ. އެ މީހުން ވަނީ ސީރިއާ އާއި ސޫދާނަށް ގޮސްފައި ކަމަށް ރިޕޯޓްގައިވެ އެވެ.

އަފްރާޝީމް އަވަހަރާކޮށްލި ރޭގެ އަނެއް ދުވަހު ގަތަރުގެ ފްލައިޓެއްގައި ރާއްޖެ އިން ފުރައިގެން ދިޔަ މީހުންނަކީ ގއ. ވިލިނިގިލި، ފައުޒީ، އަބްދުﷲ ބަޝީރާއި ގ. ވީނަސްވިލާ، އަހުމަދު ޔުސްރީ މުހައްމަދު ޝަރީފް، ހއ. ދިއްދޫ ބަރުލީނުގެ، މުހައްމަދު ޝަފީގް، ގ. ސިނަމާލެ 2، މުހައްމަދު ތަސްނީމް، ވ. މަދަން އައިޝާ ނަހުލާ އަބްދުއްލަތީފް، ގދ. ދެއްވަދޫ އޯކިޑްވާދީ، މުހައްމަދު އުޝާމް އަދި އއ. ހިމަންދޫ ބީޗްނެސްޓް، މިރްޒާލް މުހައްމަދެވެ.

އަދި އިތުރަށް ރިޕޯޓުގައި ބުނެފައި ވަނީ މި އެންމެންނަކީ މަޒީދާއި ސާމިތު އިސްވެ ތިބެ ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީންވެ މާލޭގައި އެކިއެކި ހަރަކާތްތައް ހިންގާފައިވާ މީހުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355