twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވެރިކަމަށް އަހަރެއް، ޝުކުރިއްޔާ ރައްޔިތުން: ރައީސް

އިބްރާހިމް ހަމީދު
Nov 17, 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވިތާ މިއަދަށް ،އެއްއަހަރު ވުމާ ގުޅިގެން މިއަދު އެމަނިކުފާނު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިހެން ވިދާޅުވީ ވެރިކަމަށް މިއަދަށް އެއްއަހަރު ވުމާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކޮށް އެމަނިކުފާނު ކުރެއްވި ޓްވީޓްގަ އެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވިފަހުން މިއަދަށް އަހަރެއް ފުރިގެންދާއިރު ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށްޓަކައި ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މާތް ﷲ ގެ ވާގިފުޅާއެކު މިމަތިވެރި ހިދުމަތުގައި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން ވެސް ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.

"ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އަޅުގަނޑާ މަތި ކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. މާތް الله ގެ ވާގިފުޅާއެކު މިމަތިވެރި ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ވެރިކަމަށް އެއްއަހަރުވެގެންދިޔަ އިރު ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާގެ ފެންވަރު ރަގަޅުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އަދި ރަށްރަށުގެ ބަނދަރާއި މަގުހެދުމުގެ މަސައްކަތަކާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދިޔަކަން ފާހަގަކުރައްވަމުން ސްކޫލު ކުދިންނަށްގެ ހެނދުނުގެ ނާސްތާގެ ޕްރޮގުރާމް ފެށި ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށް ރައީސް ވަނީ މީގެ ކުރީން ވިދާޅުވެފައެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަވައިދިނުމަށް މިއަންނަ އަހަރަށް ބަޖެޓް ކުރެވިފައިވާކަމަށާއި އަދި ކުރިއަށް އޮތް ދެއަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަކީ ރާއްޖޭގެ ހަތްވަނަ ރައީސެވެ. އަދި އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

ވެރިކަމާއި ހަވާލުވުމަށްފަހު އެންމެފުރަތަމަވެސް ސިޔާސީގޮތުން ހައްޔަރުކުރެވިފައިވާ ފަރާތް ތައް މިނިވަން ކުރުމަށް މަސައްކަތް ތަކެއް ކުރެވިގެން ދިޔަކަމާއި މީޑިއާއަށްވެސް މިނިވަންކަމާއިއެކު ހިޔާލުފާޅުކޮށްލުމުގެ މިނިވަން ލިބިގެންދިޔަކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355