އަންނަ އަަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. އިލެކްޝަން ކޮމިޝަން އިން މިއަދު އެގޮތަށް ނިންމާފައިވާއިރު ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއެކު ބާއްވާ ފުރަތަމަ އިންތިހާބުގެ އިދާރީ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
އަދި ސީދާ އިންތިހާބުގެ މަސައްކަތް ފެށޭނީ އެ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އަތޮޅުތަކަށް ވަކިން ކައުންސިލަރުން އައްޔަންކުރުން ހިމެނެ އެވެ.
އެހެން އިންތިހާބުތަކާއި ހިލާފަތް އަންނަ އަހަރު ކައުންސިލް އިންތިހާބުގައި ވޯޓު ލާނީ ފޮއްޓަކަށް އެންމެ ގިނަވެގެން 700 މީހުންނެވެ. އެހެންކަމުން މި ފަހަރުގެ އިންތިހާބުގައި ވޯޓު ފޮށީގެ އިތުރުން އޮފިޝަލުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއް ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގައި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ކުރުމުގެ އެންމެހައި ކަންކަން ކައުންސިލުން ހަމަޖައްސަންވާނެ ކަމަށް އިސްލާހުގެ ބިލްގައި ވާތީ އީސީގެ ވިސްނުން ހުރީ ދެ އިންތިހާބް އެއްފަހަރާ ބޭއްވުމަށް ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ކައުންސިލް އިންތިޚާބަށް 65-70 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އީސީން ލަފާކުރެ އެވެ. ނަމަވެސް ގާނޫނަށް ގެންނަ ބަދަލުތަކާ އެކު އެ އަދަދު އިތުރުވާނެ ކަމަށް މައުލޫމަތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މަދުވެގެން 150 މީހުން ރަޖިސްޓަރީ ވެފައިވާ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓަން ނިންމައިފަ އެވެ. ރިސޯޓުތަކުން ވެސް މަދުވެގެން 50 މީހުން ރީރަޖިސްޓްރީ ވެއްޖެ ނަމަ އެ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓާނެ އެވެ.