twitterviber whatsapp telegramfacebookyoutube instagram
8th July 2025

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ކޯޓާގެ ބައެއް ހާއްސަ ކުރަނީ

ނަބީލާ އިސްމާޢީލް
Nov 24, 2019

ރާއްޖެއިން މީހުން ހައްޖަށް ގެންދަން ލިބޭ ކޯޓާގެ 5 އިންސައްތަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހާއްސަ ކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ކިބައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެދިވަޑައިގެންފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންގެ ގޮތުގައި ބެލެވޭނީ ފުރާނަ އަށް ނުރައްކާވާ ފަދަ ބަލިތައް ހުންނަ މީހުން ކަމުގައެވެ. އެ ފުރުސަތަށް އެދި ހުށަހަޅާއިރު ބަލީގެ ތަފްސީލު ހިމެނޭ ޑޮކްޓަރުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.

އެ ކޯޕަރޭޝަނުން ބުނިގޮތުގައި އެ ފުރުސަތު ދޭނީ އެކަމަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށާއި ޖާގަ ދިނުމުގައި ބަލި މީހާގެ ހާލަތަށް ބަލައި ގިނަވެގެން ދެ އެހީތެރިއަކު އެކުގައި ގެންދިއުމަށް ފުރުސަތު ދިނުމުގެ އިހްތިޔާރު ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކަމަށް އަމަލުކޮށް ހައްޖު ކޯޕަރޭޝަނުގެ ހިދުމަތް ހޯދުމާ ބެހޭ އުސޫލަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ހައްޖަށް ގެންދިއުމަށް އެ ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން ދޫކުރާ ފަސްއިން ސައްތައަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ހައްޖު މޫސުމަކާ ދިމާކޮށް އެ ކުންފުނިން ހުޅުވައިލާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355