ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މައްސަލައާއި މީހުން ތަމްރީނުކޮށް އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުގެ އިދާރާގެ ޖާގައިގެ ދަތިކަމުން ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާއި ޚިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކޮށް އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ނައިބް ރައީސް އެދިވަޑައިގެންފައި ވެއެވެ.