ހދ. ނެއްލައިދޫ ގޭބީސީތަކުންނާއި ވިޔަފާރިކުރާ ތަންތަނުން އުކާލެވޭ ކުނި ނެގުމުގެ ހިދުމަތް އެރަށު ކައުންސިލުން ފޯރުކޮށްދޭން ނިންމާ އެ ހިދުމަތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިގޮތަށް އަގު ނަގާގޮތަށް ނިންމީ ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖް ކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލު ކުރެވިފައިވާ ރަށަށް ހެދުމުގެ މަގުސަދުގައިކަމަށް އެކައުންސިލުން ކުރި އިއުލާނުގައިވެ އެވެ.
އަދި ކުނި މެނޭޖް ކުރުމާބެހޭ މައުލޫމާތު މިއަހަރުގެ ފެބުރުއަރީ އަދި އޮކްޓޯބަރ މަހު ރައްޔިތުންނާ ހިއްސާ ކުރެވިފައިވާނޭކަމަށާއި އެ ހިދުމަތް ހޯދުމަށް ރަޖިސްޓަރ ކުރަން ޖެހޭނެކަމަށްވެސް އެ އިއުލާނުގައިވެ އެވެ. ރަޖިސްޓަރ ނުކުރާ ފަރާތްތަކުން ކުނި ކޮއްޓަށް ގެންދާ ކުނި މެނޭޖް ކުރުމަށް ގޭޓް ފީއެއް ނެގޭނެކަމަށްވެސް އެ ކައުންސިލުން ކުރި އިއުލާނުގައިވެ އެވެ.
މީހުން ދިރިއުޅޭ ގޭބިސީތަކުން މަހަކަށް 130ރ ފަޅު ގޯތި އަދި ގެވަޅުތަކުން މަހަކަށް 75ރ އަދި ވިޔަފާރިތަކުން މަހަކަށް 200ރ ނަގާގޮތަށްވަނީ އެ ކައުންސިލުން ނިންމާފައެވެ. އަދި ރަޖިސްޓަރ ނުކުރާ ފަރާތްތަކުން ކުނި އުކާލާއިރު ގޭޓް ފީ އެއްގެ ގޮތުގައި އަގު ނަގާގޮތަށްވެސް ވަނީ ނިންމާފައެވެ.
އެގޮތުން ގޭޓް ފީގެ ގޮތުގައި ވީލްބަރޯގައި ކުނި ގެންދާނަމަ ދަތުރަކަށް 10ރ އަތްގާޑިއަލުގައި ނަމަ ދަތުރަކަށް 15ރ 1.5 ޓަނަށް ވުރެން ބޮޑު ޕިކަޕެއްގައި ނަމަ ދަތުރަކަށް 30ރ ގެ އިތުރުން 1.5 ޓަނަށްވުރެން ކުޑަ ޕިކަޕެއްގައި ނަމަ 20ރ އަދި އާދައިގެ ބާޒާރު ކޮތަޅެއްގައި ނަމަ 3ރ އާއި ބޮޑެތި ކޮތަޅު، ރަތް ކޮތަޅު، ޑަސްބިންކޮތަޅު ގޯނި ބާލިދީ ފަތަ ތަކެތީގައި ނަމަ 5ރ ނަގާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މި ހިދުމަތުގައި ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް ނެއްލައިދޫ ކައުންސިލުން ލިބެން ހުންނާނެކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ.