twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭ މުއާހަދާގެ އިތުރު ބައިތަކުގައި ރާއްޖެއިން ބައިވެރިވަނީ

Sep 22, 2026

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން މިފަދަ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށް ޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ނިންމަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މި ޕްރޮޓޮކޯލަކީ 5 އެޕްރީލު 2010 ގައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް" މުއާހަދާއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތައް އިތުރަށް ހަރުދަނާކޮށް، އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރުމަށް އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.

މި ޕްރޮޓޮކޯލަކީ މި މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކުން އެބައެއްގެ އަމިއްލަ އިހުތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ.

ރައީސް އޮފީހުން ބުނީ، މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި މައިގަނޑު ދެ ނިޒާމެއް ހިމެނޭ ކަމަށެވެ. ފުރަތަމަ ނިޒާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގެއް ގެއްލިގެން، ގައުމުގެ އެތެރޭގެ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު، އެކަމުގެ ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭ ނިޒާމެވެ. ދެވަނަ ނިޒާމަކީ މެންބަރު ގައުމަކުން މި މުއާހަދާގައިވާ ހައްގުތަކަށް ނިޒާމީ ގޮތެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގަންނަ ކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެކަމާ ގުޅިގެން އިންކުއަރީއެއް ނުވަތަ ތަހުގީގެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދޭ އިންކުއަރީ ނިޒާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293