ދުނިޔެގެ އެކި ގައުމުތަކުގައި ފައިސާ ތިޔާގި ދުވަސްވަރެކެވެ. ފައިސާ ގިނަވެ، އިންވެސްޓަރުން އެ ފައިސާއާއެކު ދެކޮޅަށް ދުވުނު 2019 ވަނަ އަހަރު ރާއްޖޭގައި ވަރުގަދަ ރިސޯޓެއް ހަދަން ދަމަކް ކުންފުނިން ނިންމައި އިއުލާނު ކުރި އެވެ. މި ރިސޯޓް ހަދަން ނިންމީ މެންޑަރިން އޮރިއަންޓް ހޮޓެލްގެ ނަމުގަ އެވެ. ގާތްގަނޑަކަށް 34 ހެކްޓަރުގެ ބޮޑު މި ރަށުގެ ފޮޓޯތައް ދެއްކުމާއެކު ގިނަ ބަޔަކު ނިންމާނެ ކަމަށް ބެލި އެވެ.
ނަމަވެސް އޭގެ ފަހުން އެ ރިސޯޓް ތަރައްގީ ކުރަމުން ދިޔަ ފަޅީގައި ހުރި އެހެން ރިސޯޓްތައް ނިމުނުއިރު ވެސް އަދިވެސް އެތަނެއް ނުނިމެ އެވެ. މިއީ ޔޫއޭއީގެ ކުންފުންޏެވެ. ހަމަ އެ ދުވަސްވަރު ޔޫއޭއީގެ ދުބާއީގެ އިމާރް ގްރޫޕުން މަޑިވަރުގެ ނަމުގައި ރިސޯޓް ތަރައްގީ ކުރަމުން ދިޔަ އެވެ. އެ ރިސޯޓް ނިންމަން އޮތީ 2020 ގަ އެވެ. ނަމަވެސް އަދިވެސް އެ ރިސޯޓު ވެސް ނުހުޅުވުނެވެ.
އޭގެ ފަހުން ވެސް ޔޫއޭއީގެ ކުންފުނިތަކުން ރާއްޖޭގައި ބިޔަ މަޝްރޫއުތައް އިއުލާން ކުރިނަމަވެސް ކުރިއަށް ނުގޮސް އެ މަޝްރޫއުވެފައި ވަނީ ރާއްޖޭގެ ކަނޑުގައި އަޅާ ރޮނގަކަށެވެ. އަޅާ ވަގުތު ރޮނގު ފާޅުވި ނަމަވެސް ސިކުންތު ކޮޅެއްގެ ތެރޭ އެ ފިލައިގެން ދެ އެވެ.
މި ފަހަރު ވެސް މިވަނީ ޔޫއޭއީގެ ބޮޑު ކުންފުންޏަކުން މަޝްރޫއެއް އިއުލާނުކޮށްފަ އެވެ. ދުނިޔޭގެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ކުރި އިއުލާނާއެކު ގިނަ ބަޔަކު "އެކްސައިޓްމަންޓް" ގައި ތިބި ނަމަވެސް މި ކުންފުންޏާމެދު އޮތް އޮތް ޝައްކު ކުޑައެއް ނޫނެވެ.
ކުންފުނީގެ ހައިބަތު ބޮޑު ނަމަވެސް މި ކުންފުންޏަކީ ވެސް ގައުމުން ބޭރުގައި އެކާ ކާމިޔާބު ކުންފުންޏެއް ނޫނެވެ. އަދި އެއްފަހަރާ 30 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްލެވިދާވަރުގެ ކުންފުންޏަކަށް ވެދާނެތޯ ސުވާލު އުފައްދަން ފުރުސަތު ލިބޭ އެތައް ކަމެއް މި ކުންފުނީގެ ޓްރެކް ރެކޯޑުގައި އެބަހުއްޓެވެ.
މިހާރު ތިލަވެފައިވާ ވާހަކައެއް ބުނެލާނަމެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު، ދުބައިގެ މަތީ ފަންތީގެ ރެސްޓޯރަންޓަކުން އިންސްޓަގްރާމް ރީލެއް އާންމުކުރި އެވެ. އެއީ މީހުން ގިނަ ރޭގަނޑެއްގައި އެ ރެސްޓޯރަންޓުގެ އެތެރެ ދައްކުވައިދޭ ވީޑިއޯއެކެވެ. ގިނަ ބަޔަކަށް އެ ވީޑިއޯއަކީ މާ ހާއްސަ އެއްޗަކަށް ނުވި ނަމަވެސް އަލްބޭނިއާގައި އެ ވީޑިއޯގެ ސަބަބުން ބޮޑު ހަލަބޮލިކަމެއް އުފެދުނެވެ.
އެ ރެސްޓޯރަންޓަށް ނޭނގި ނަމަވެސް، ހާމަކޮށްދިނީ އަލްބޭނިއާގެ ވެރިންނާއި އީގަލް ހިލްސްގެ ސީއީއޯ މުހައްމަދު އަލާއްބާރާ ދެމެދު ބޭއްވި ސިއްރު ބައްދަލުވުމެކެވެ. ނަތީޖާއެއްގެ ގޮތުން 2.5 ބިލިއަން ޔޫރޯ (2.9 ބިލިއަން ޑޮލަރު) ގެ ބިޔަ މަޝްރޫއެއްގެ ފުރަތަމަ ހަބަރު އާންމުންނަށް ތިލަކޮށްދިނީ އެ ރެސްޓޯރަންޓުގެ ވެއިޓްރެސް އެކެވެ. އެއީ އޭރު އާންމުކޮށް، ބަހުސްކޮށް، ނުވަތަ ރަސްމީކޮށް ރެކޯޑުކުރެވިފައި ވެސް ނުވާ މަޝްރޫއެކެވެ.
އީގަލް ހިލްސްގެ މަޝްރޫއުތަކަށް ފާޑުކިޔުން އަމާޒުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ސަރުކާރުގެ ނަޒާހަތްތެރިކަމާއި ފާޅުކަން ބޮޑުގޮތެއްގައި ކަންކަން ނުކުރުމުން ނުރުހުންވި އަލްބޭނިއާގެ ރައްޔިތުންނަށް، އެ މީހުންގެ ކަންބޮޑުވުންތަކާ އެއްގޮތް ހާލަތެއް ކައިރި ގައުމުތަކުން ވެސް ފެންނަން ހުއްޓެވެ. "އީކުއަލް ތައިމްސް" ގެ 2018 ވަނަ އަހަރުގެ ރިޕޯޓަކަށް ބަލާއިރު، 10 ބިލިއަން ޑޮލަރުގެ 'ބެލްގްރޭޑް ވޯޓަރފްރަންޓް' މަޝްރޫއަށް ސާބިއާއަށް ފެށުމުގެ އިންވެސްޓްމަންޓުގެ ގޮތުގައި ދިނުމަށް ވައުދުވި ތިން ބިލިއަން ޑޮލަރުގެ ތެރެއިން އީގަލް ހިލްސް އިން އޭރު ހަމަޖައްސައި ދިނީ އެންމެ 300 މިލިއަން ޑޮލަރެވެ. އަދި 200،000 ވަޒީފާ އުފައްދާނެ ކަމަށް ސަރުކާރުން ކުރިންވި ވައުދު، އެންމެ 1،700 ވަޒީފާ އަށް ދަށަށް ދިޔަ އެވެ. މިއީ ރާއްޖެއިން މިހާރު އިވޭ ވާހަކަތާއި ސުރުހީތަކާ ގުޅުންހުރި މަދުވާހަކަތަކެވެ.
އީގަލް ހިލްސްގެ ހިނގުން އަވަސް ކާމިޔާބީއާ ބެހޭގޮތުން ވާހަކަދައްކާއިރު، އެ ރިއަލް އެސްޓޭޓް ކުންފުނީގެ އިސްވެރިޔާ މުހައްމަދު އަލާއްބާރު އެނގެން ޖެހެ އެވެ. ވިޔަފާރީގެ ދުނިޔޭގައި އަލާއްބާރު އެންމެ މަޝްހޫރުވެފައިވަނީ ބުރުޖް ޚަލީފާ އަދި ދުބައި މޯލް ފަދަ މަޝްހޫރު ތަންތަން ބިނާކުރި ޔޫއޭއީގެ "އީމާރު ޕްރޮޕަޓީޒް" ގައި އޭނާ އަދާކުރި ދައުރަށެވެ. ނަމަވެސް އީގަލް ހިލްސް ހިންގަނީ ތަފާތު ގޮތަކަށެވެ؛ އެއީ އަލާއްބާރުގެ އަމިއްލަ ވިޔަފާރި އެކެވެ.
އަލާއްބާރަކީ ހަމައެކަނި އެއްބަސްވުންތައް ހަދާ މައި ފަރާތެއް ނޫނެވެ. އޭނާ އީމާރުގެ ކާމިޔާބީތައް ބޭނުންކުރަނީ ސިޔާސީ އިތުބާރު ހޯދުމަށާއި ގައުމުތަކުގެ ވެރިންނާ އޮންނަ އަމިއްލަ ގުޅުންތަކުގެ ބޭނުންހިފައިގެން އެކި ގައުމުތަކުގައި މަޝްރޫޢުތައް ފެށުމަށެވެ.
ޔޫއޭއީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް އޭނާގެ ބޮޑު ޝައުގުވެރިކަމެއް ޔޫރަޕަށް އޮތެވެ. މުހައްމަދު އަލާއްބާރު ބްރޭންޑުގެ ދަށުން އެކި ގައުމުތަކުގައި އުފައްދާފައިވާ ސްޕެޝަލް ޕާޕަސް ވީކަލް ނުވަތަ ހާއްސަ ބޭނުމަކަށް އުފައްދާ ކުންފުނިތަކުގެ ނެޓްވޯކެކެވެ. ކޮންމެ ގައުމެއްގައިވެސް ކުންފުނި އުފައްދަނީ "ކޮޕީ އެންޑް ޕޭސްޓް" އުސޫލުންނެވެ. އަދި ކޮންމެ ގައުމެއްގެ ކުންފުނީގެ މައި ކުންފުނި އޮންނަނީ ޔޫއޭއީގަ އެވެ.
މިސާލަކަށް އީގަލް ހިލްސް ކްރޮއޭޝިއާގެ މިލްކުވެރިޔާއަކީ އަބޫދާބީގައިވާ އީގަލް ހިލްސް ކްރޮއޭޝިއާ ޕްރޮޕަޓީޒެވެ. އެ ގައުމުތަކުގައި ހުންނަ ކުންފުނިތަކުގައި މުވައްޒަފުން ގާތްގަނޑަކަށް ނުތިބެއެވެ. ބައެއް ހާލަތްތަކުގައި ތިބެނީ އެންމެ މީހަކު ނުވަތަ ދެ މީހުންނެވެ. އަދި މި ކުންފުނިތަކުގެ ނިންމުންތައް ނިންމާ ސުޕަވައިޒަރީ ބޯޑު ތަކުގައި އެއްކޮށް ކަހަލަ ގޮތަކަށް ސުޕަވައިޒްކުރަނީ ޔޫއޭއީގެ ފަރާތްތަކުންނެވެ.
މިއީ މި ފަހަރު ރާއްޖެ އަށް އައިސްގެން އުޅޭ އީގަލް ހިލްސްގެ ވާހަކަ އެވެ. ކުރިން އިވުނީ ޔޫއޭއީގެ އެހެން ކުންފުނިތަކުގެ ފެއިލް މަޝްރޫއުތަކުގެ ވާހަކަ އެކެވެ. މިހާތަނަށް ޔޫއޭއީގެ ކުންފުނިތަކުން ފެންނަން އޮތީ ފެއިލް މަޝްރޫއުތަކެކެވެ. އެ މަޝްރޫއުތައް ސިފަވަނީ ރާއްޖޭގެ ކަނޑުގައި އެޅީ ރޮނގުތަކެއްގެ ގޮތުގަ އެވެ.




