ކ ތިލަފުށީގެ ޑަމްޕް ސައިޓް (ކުނިގޮޑު) އިން ދުން އެރުން ހުއްޓުވާ އެތަން އެކަށީގެންވާ ފެންވަރެއްގައި މެނޭޖްކުރުމަށް އެކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ އެއް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސަރުކާރުގެ ބަޖެޓުން ޖުމްލަ 9,665,000 (ނުވަ މިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް) ދިވެހި ރުފިޔާ ހަރަދުކޮށްގެން ގެނެވޭ މި ކޮމްޕެކްޓަރ ގެނައުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ 4 މަސްދުވަހުގެ ތެރޭގައި ގެންނަގޮތަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ.
މި ކޮމްޕެކްޓަރ އަކީ އެމިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް (އޭޑީބީ) އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފް. ޖޭސީއެމް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑ.ބީ)ގެ އެހީގައި "ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެތަނުން ދުން އެރުން ހުއްޓުވައި އެކަށީގެންވާގޮތެއްގައި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ގެނެވޭ ކޮމްޕެކްޓަރ އެކެވެ.
ކޮމްޕެކްޓަރ 4 މަސްތެރޭގައި ގެންނަ ގޮތަށް އެއްބަސްވުމުގައި އޮތް ނަމަވެސް މިނިސްޓްރީން އެމްޓީސީސީއާ އެކު މަޝްވަރާކޮށް ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ކޮމްޕެކްޓަރ ރާއްޖެ ގެނެވި އެއަހަރު ފެބްރުއަރީ މަސްތެރޭގައި ތިލަފުށީ ޑަމްޕްސައިޓް އިން ދުން އެރުން ހުއްޓުމުގެ އަމަލީ މަސައްކަތް ފެށުމަށެވެ.
އެހެންކަމުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ މި ކޮމްޕެކްޓަރ އޮޕަރޭޓް ކުރަން ފެށިއްޖެނަމަ އެއަހަރު މެދު ތެރޭ ތިލަފުށިން ދުން އެރުން ހުއްޓުވާލެނެއެވެ. މިއާއެކު ތިލަފުށީގައި ޒަމާނީ ފެންވަރުގެ އެއްމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުނި މެނޭޖްކުރެވޭނެ ފުރިހަމަ ނިޒާމެއް ތިލަފުށީގައި ގާއިމުކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.
މި ކޮމްޕެކްޓަރ ރާއްޖެ އަންނައިރު މި އޮޕަރޭޓްކުރާނެ ގޮތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކަމާއި ބެހޭ ސްޓާފުންނަށް ދަސްކޮށް ދީ ޓްރެއިނިންގ ދިނުމަށްޓަކައި އޭޑީބީ ގެ އެހީގައި ކަމާއި ބެހޭ މާހިރަކު ރާއްޖެ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ.