ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ޝަމީމްގެ އިތުރުން ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް އަހްމަދު ޒަނީނެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން ނިންމައި އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ.
މަގާމުގައި ހުންނަވައި ނުހައްގުން ދައުވާތައް އުފުލެއްވުމާއި ބައެއް ދައުވާތައް ރަނގަޅުނޫން ކަމަށް އަމިއްލައަށް ގަބޫލުކުރައްވައި އަނބުރާ ގެންދެވުން ފަދަ ގާނޫނާ ހިލާފަށް ގިނަ އަމަލުތަކެއް ކުރެއްވި ކަމުގެ ތުހުމަތު ބިޝާމަށް ކުރެ އެވެ.