ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލީސް މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވެފައި މި ވަނީ ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުންނާ ބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލައަކަށް ބިނާކޮށް މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ނިންމާފައި ވާތީއެވެ.
އެކަމާ ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށާއި ރަށެއްގެ ރައްޔިތުން އެ ރަށަކަށް ހިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ ކަމަށެވެ.
ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.
އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައިވެ އެވެ.
ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ނެވެ. އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ އެވެ.
މި ނިންމުމާއި ދެކޮޅަށް މަޖިލީހުގެ ގިނަ މެމްބަރުންނާއި ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ.