ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުމާއި ދެކޮޅުކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބުދުލް ލަތީފު ހާމަކުރައްވައިފި އެވެ.
ޔާސިރު މިކަން ހާމަކޮށްފައިމިވަނީ ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުންނާ ބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލައަކަށް ބިނާކޮށް މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ނިންމާފައިވާތީ އެވެ.
ކައުންސިލަރުން މަޖިލީހުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުމަށް ދެކޮޅުކަން ޔާސިރު ހާމަކުރެއްވީ ޝޯސަލް މީޑިއާގެ ޒަރިއްޔާއިންނެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ އޭނާގެ ނަޒަރުގައި ކޮށްގެން ވާނެ ކަމެއްނޫން ކަމަށެވެ.
މެމްބަރު ޔާސިރުގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ގިނަ ރައްޔިތުން މިކަމަށް ފާޑު ވިދާޅުވެ އަޑު އުފުލަމުން އެބަދެ އެވެ.
Wait, What!! No, In my view this can’t be done! pic.twitter.com/0AWGkjtzo0
— Yasir Abdul Latheef (@YasirLathyf) December 3, 2019
އުޝާމް ވިދާޅުވީ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.
އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައިވެ އެވެ.
ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ނެވެ. އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ އެވެ.