ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އުޅޭ މައްސަލައާ ދެކޮޅުކަން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް ހާމަކުރައްވައިފި އެވެ.
ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުންނާ ބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލައަކަށް ބިނާކޮށް މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ނިންމި މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ބައެއް މަޖިލިސް މެމްބަރުންވެސް އަންނަނީ އެ ބޭފުޅަކު ދެކިވަޑައިގަންނަވާގޮތެއް ހާމަކުރައްވަމުންނެވެ. ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުމާ ދެކޮޅު ހައްދަވާކަން ހާމަކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، މިއީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.
https://t.co/NNpqZiW0oX.
— Raee2019 / Makunudhoo (@Mraee12) December 3, 2019
Mee alhugandu gabool kuraa hama e noon, baaru tha feshigen annanee rayyithunge kibain, ebaaru tha nigulhaiganeveynee ves e rayyithun nasheve.🙏
ރާއީ ޓްވީޓް މެދުކޮށް ވިދާޅުވީ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ، އެ ބާރުތައް ނިގުޅައިގަނެވޭނީވެސް އެ ބާރުތައް ދިން ރައްޔިތުންނަށް ކަމަށެވެ.
ރާއީ މިހެން ވިދާޅުވެފައިވާއިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ވަނީ އެ ނިންމުމާ ދެކޮޅު ހައްދަވާކަން ހާމަކުރައްވާފަ އެވެ.