twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ސުވާލެއް: ބޮކްސިންޑޭ ސުނާމީއިން ކުޅުދުއްފުއްޓަށް ފިލާވަޅެއް ދަސްވިތަ؟

Dec 9, 2019
2

ތޫފާނުތައް އެރުމަކީ ކުޅުދުއްފުއްޓަށް އާކަމެއް ނޫނެވެ. މިގޮތުން މިލާދީން 1812 ވަނަ އަހަރާއި، 1819 ވަނަ އަހަރާއި އަދި 1921 ވަނަ އަހަރުގައިވެސް ކުޅުދުއްފުއްޓަށް ބާރުގަދަ ތޫފާނުތައް އަރާފައި އެބަ ހުއްޓެވެ. ދެވަނަ ފަހަރަށް ކުޅުދުއްފުށި އާބާދުވީވެސް ވަރުގަދަ ތޫފާނަކަށްފަހު ރަށަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުމަށްފަހުގައެވެ. މިފަހުން ކުޅުދުއްފުއްޓަށް އެންމެ ބޮޑު ގެއްލުމެއްލިބުނީ 1921 ގައި ތޫފާނު އެރިތާ 83 އަހަރު ފަހުން 2004 ގައި އެރި ސުނާމީ އިންނެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ދެހާސް ހަތަރުވަނަ އަހަރު، ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު، އަހަރެމެންނަށް ފިލާވަޅެއް ދަސްވިހެއްޔެވެ؟ މިއީ ކޮންމެ ޑިސެމްބަރުމަހެއްގައި ކުރަން ވަރަށް ރަނގަޅު ސުވާލެއްކަމަށް ދެކެމެވެ. ތޫފާނުތަކާއި ސުނާމީ އާއި ބިންހެލުންފަދަ ކަންކަމަކީ، ތަކުރާރުކޮށް ހިނގާނެކަންކަމެވެ. އެއީ ދުނިޔޭގެ ޠަބީއަތަށް ވާތީއެވެ. ވީމާ އަހަރެމެނަށް އޮތީ، ގުދުރަތީ ކާރިސާތަކުން ފިލާވަޅު ލިބިގަތުމެވެ. އޭގެ އަލީގައި ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތަކަށް ކަންކަން ކުރުމެވެ.

މިހާރު ކުޅުދުއްފުއްޓަށް ދިމާވާ އެންމެ ބޮޑު މައްސަލަޔަކީ، ފެންބޮޑުވުމެވެ. މި މައްސަލަ އެންމެ ބޮޑީ ކުރިން ޗަސްބިމުގެ ގޮތުގައި އޮތް ސަރަހައްދުތަކުގަޔާއި ތިރި ސަރަހައްދު ތަކުގައެވެ. މި ފަހަކަށްއައިސް މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ، ހުޅަނގުފަރާތުފަޅު އެއްކޮށް ހިއްކާލައި، ރަށުގެ ބިމަށްވުރެ އުސްކޮށް ބޭއްވުމުން ކަމަށްބެލެވެއެވެ. ތާރުއަޅައިގެން ހަދާފައިވާ މަގުތަށް އުސްކޮށްހުރުމުގެ އިތުރުން އެ މަގުތަކުގައި ފެން ހިނދޭނެ ގޮތެއް ނެތުމުން، އެ މަގުތަކާއި ގުޅިފައިވާ ގޯޅިތަކުގައި އިސާހިތަކު ފެންބޮޑުވެއެވެ.

މޫސުމީ ބަދަލުތަކާއެކު ފެންބޮޑުވުމާއި ތޫފާނުތަކުގެ އަސަރު ކުރިމަގުގައި ބޮޑުވާނެކަމަށް އޮތީ ލަފާކޮށްފައެވެ. އެގޮތަށް ލަފާކޮށްފައިވަނީ ބޭ އޮފް ބެންގޯލް ގައި އުފެދޭ ތޫފާނުތަކުގެ ބާރުގަދަވުމާއި އަދަދު ގިނަވާނެކަމަށް ބެލެވޭތީއެވެ. ކުޅުދުއްފުށި ޕްލޭންކުރާއިރު މޫސުމީ ބަދަލުތަކުން ނުކުމެދާނެ ނަތީޖާތަކަށް ސަމާލުކަންދޭންޖެހެނީ މާޒީގައިވެސް މިރަށަށް ބާރުގަދަ ތޫފާނުތައް އަރާފައިވާތީއެވެ. މިހާރުވެސް ރަށުގައި ފެންބޮޑުވާތީއެވެ. ނަމަވެސް މިކަންކަމުން އެއްވެސް ފިލާވަޅެއް ދަސްވިކަމުގެ ހަމަ އެއްވެސް އަލާމާތެއް ކުޅުދުއްފުއްޓަކުން ފެންނާކަށްނެތެވެ. ޢާއްމުކޮށް މުޅި ރާއްޖެއަށް ބެލިޔަސް ކަންއޮތީ މިހެންނެވެ.

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކުޅުދުއްފުއްޓަށް އަރައިގެން ދިޔައީ، ސުނާމީ އެރި ސަރަހައްދުތައް ދޮވެލައިފައެވެ. ބޯޒިޔާރަތްދޮށު އަތިރިމަތިން އެރި ރާޅު ދިޔައީ އަފީފުއްދީން ސްކޫލް އިންފާރު ބިމާ ހަމަކޮށްފައެވެ. ނަމަވެސް މިއަދު އެ ސަރަހައްދަށް ބަލާލާށެވެ. އަހަރެމެން ހަދާފައިވާ ގޯސްތައް އެހުރީ ފެންނާށެވެ!

އިންޑޮނީޝިޔާގެ ބިންހެލުން ގިނަ، ސުމަޓްރާގެ ހުޅަނގު އުތުރު އައްސޭރިއާއި ދިމާ ކަނޑުގެ ސަރަހައްދުން ދެހާސް ހަތަރުވަނަ އަހަރު އުފެދުނުފަދަ އެހެން ސުނުނާމީއެއް އުފެދިއްޖެނަމަ، ދެންވެސް ކުޅުދުއްފުއްޓަށް ސުނާމީގެ އަސަރުކުރާނެ އެއް ސަރަހައްދަކީ ބޯޒިޔާރަތްދޮށު އަތިރިމައްޗެވެ. މިހާރުގެ ގޮތަށް ކިޔާނަމަ، 'އާޓިފިޝަލް ބީޗް' ސަރަހައްދެވެ. ނަމަވެސް އެސަރަހައްދުން މިހާރު އެވަނީ ގޮނޑުދޮށާއި ވަރަށް ކައިރިން ދިރިއުޅުމަށް ގޯތިދޫކޮށްފައެވެ! ގޮނޑުދޮށާއި ދޫކޮށްފައިވާ ގޯތިތަކާއިދެމެދު އެއްވެސް ވަރެއްގެ ހޭޅިފަށެއްނެތެވެ. ގަހެއް ރުކެއްނެތެވެ. ގަސްރުއް އިންދައި، ރައްކާތެރިކަމުގެ 'ބަފަރ ޒޯން' އެއް ހެދުމުގެ ޚިޔާލެއް ހުރިހެނެއްވެސް ހީއެއް ނުވެއެވެ.

މިކަން މިހެން އޮއްވައި، އެއްބަޔަކު ބޭނުންވާހެން ހީވަނީ އަފީފުއްދީން ސްކޫލް ދެކުނުން އޮތް ބިމުގައިހުރި ގަސްތައް ކޮށާލައި އެތަނުގައިއޮތް ފެންގަނޑުވެސް ހިއްކާލާށެވެ! ސުނާމީގެ ގެއްލުންތައް ކުޑަކުރުމުގައި އެ ތާނގައި އޮތް ފެންގަނޑާއި ގަސްތައް ކުޅުނު ރޯލުގެ މަތިން ހަނދާނެއް ނެތެވެ!
އަހަރެމެންނަށް އަބަދުވެސް ތަޖުރިބާކުރެވޭ ފަދައިން، ގުދުރަތީ ކާރިސާތަކަކީ ތަކުރާރުވާ ކަންކަމެވެ. ދެހާސް ހަތަރުވަނަ އަހަރު ސުނާމީ އުފެދުނު ސަރަހައްދުން އެވަރުގެ ބާރުގަދަ ބިންހެލުމަކާއެކު، ސުނާމީއެއް މިހާރު އުފެދިއްޖެނަމަ، ކުޅުދުއްފުއްޓަށް ލިބޭގެއްލުން މާބޮޑުވާނެއެވެ. ރަށެއް ޕްލޭންކުރަންވާނީ، އެރަށެއްގެ މާޒީން ފިލާވަޅުވެސް ދަސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355