ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް ރާއްޖޭގެ އިގްތިސާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް އަތާ އަތް ގުޅާލައި އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުހާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންސިސްގެ މި ކާރުހާނާއަކީ މާލެ ސަރަހައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުހާނާކަމަށާއި މި ކާރުހާނާއާއި އައިސް ޕްލާންޓަކީ ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ރައްޔިތުންގެ އިސްނެގުން ދައްކުވައިދޭ ވަރަށް ރީތި މިސާލެއްކަމަށެވެ.
އިތުރަށް ރައީސް ވިދާލުވީ މި ކާރުހާނާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އެތައް ގޮތަކުން ދިރުން ލިބޭނެކަމާ ކަމަށާއި މި ކާރުހާނާގެ އިތުރުން އެންސިސްގެ ފަރާތުން ހުޅުވާ 100 ޓަނުގެ އައިސް ޕްލާންޓަކީ ވެސް މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ސިނާއަތްތަކަށް ވަނުމަކީ ގައުމީ ފެންވަރުގައިވެސް އަދި ފަރުދުންގެ ފެންވަރުގައި ވެސް ވަރަށް ބޮޑެތި އިގްތިސާދީ ފައިދާތައް ލިބޭނެ ކަމެއްކަށާއި އަދި މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން ވަޒީފާގެ އެތައް ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެކަމުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ މަސްވެރިންނަށް ދަތިވާ ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަވާނެކަމުގައެވެ. ދިވެހިން ބާނާ މަހަށް ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި ދިވެހި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް އިސްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.