މި ސަރުކާރުން ކޮންމެ ދިވެހި ފަރުދަކަށްވެސް އެއްވެސް ތަފާތުކުރުމެއް އިސްތިސްނާއެއް ނެތި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދެއްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ އަހަރުތަކުގައި ތަފާތު އެތައް ސަބަބުތަކަކާ ހުރެ ހިއުމަންރައިޓް ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައި ނެތްކަމަށާއި ނަމަވެސް މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދީ މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ޤާނޫނު އަސާސީއާ ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް މި ސަރުކާރުން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި އެމަނިކުފާނު ވަނީ އެކަން ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ހިންގުން ހަރުދަނާކުރަންޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މިވެރިކަމާ ކުރިމަތިލިއިރު ރާއްޖޭގައި އަށަގަންނަމުން ދިޔަ ސަގާފަތަކީ އާރާއި ބާރުގައި ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށްފަހު އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި އެކަންކަމުން ބޯދަމައިގަތުމާއެވެ. މި ސަރުކާރުގެ އިންތިގާލީ އަދާލަތުގެ ތެރެއިން މިއަންނަނީ މި ނުބައި ސަގާފަތް ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ ދިރިހުރުމުގެ ހައްގު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށެވެ. ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިހުސާސްކުރެވޭ ފަދަ އަމާން ވެއްޓެއް މި މުޖްތަމައުގައި ގާއިމުކުރުމެވެ.
ހިޔާލު ފާޅުކުމުގެ މިނިވަންކަން މިދިޔަ ސަރުކާރުން ހަނިކޮށް ކަސްތޮޅު އަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ހިޔާލުފާޅުކުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިސަރުކާރުން އަލުން ކަށަވަރުކޮށްދެއްވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އަބުރުގެ ގާނޫނު އުވާލެއްވީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން އެއްވެސް މީހަކު ގާނޫނީ އަދަބަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުންކަމުގައި ވިދާޅުވިއެވެ.