twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެއް އަހަރު ދުވަސް ތެރޭގައި 40 ކިލޯ ލުއިކުރި ގޮތުގެ ވާހަކަ

Dec 11, 2019
3

ލިޔުނީ: ނޫނުހާ

އުމުރުން އެންމެ ޅައިރުވެސް އަޅުގަނޑުގެ ބަރުދަން ހުރީ ހުންނަން ވީ މިންގަނޑަށް ވުރެ މާ މަތީގައެވެ. އަބަދުވެސް އަޅުގަނޑަކީ ކުލާހުގައި ހުންނަ އެންމެ ފަލަ އަދި އެންމެ ބަރު ކުއްޖާއެވެ. އެހާ ފަލަވުމުގެ ސަބަބުން އަޅުގަނޑަށް މަދަރުސާ ތެރެއިން ފޮށުން ފަދަ ކަމަކާއި ކުރިމަތިލާން ނުޖެހުނު ނަމަވެސް، އާއިލާގެ ފަރާތުން މަލާމާތުގެ ބަސްތަކާއި އެނޫންްވެސް ހިތްދަތި ވާފަދަ އެތައް ބަސްތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ހިކޭނީ ކޮންއިރަކުންތޯ ކުރެވޭ ސުވާލުތަކާއި، ތިކަނީ މާގިނައިން ކަމަށާއި، ރޭގަނޑުގެ ކެއުން ދޫކޮށްލަން ޖެހޭ ކަމަށް ބުނެ އިރުޝާދު ދެމުން ގެންދިޔައެވެ. މިއަޑުތަކަށް މުޅިން ބީރު ކަންފަތެއް ދެމުން ގޮސް އުމުރުން 20 އަހަރުވީ އިރު ބަރުދަނުގައި 98 ކިލޯ ހުއްޓެވެ. އެހާވަރުވީ ކޮންމެހެން ބޭރުތެރެއިން މާމީރު އަދި މާ ތެޔޮގިނަ ނުވަތަ ހަކުރު ގިނަ އެއްޗެއް ކައިގެނެއް ނޫނެވެ. ގިނައިން ކައި އުޅުނީ ގަރުދިޔަ އާއި ބަތެވެ. އަދި އެނޫންވެސް ދިވެހި ކެއުންތަކެވެ. ކެވުނުލެއް މާގިނަވީއެވެ.

އުމުރުން 20 އަހަރުގައި ދެން ކުރަން ލިބުނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. މަތީ ތަޢުލީމު ޙާސިލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނެވެ. ވަޒީފާއެއް އަދާނުކޮށް، އަތުގައި ޙަރަދު ކުރާނެ ފައިސާ ނެތި، މަންމަ ކައްކައިދިން އެއްޗެއް މެނުވީ ނުކައި ހުރި ދުވަސް ތަކަށް ނިމުން އައީ އެހިސާބުންނެވެ. ކައްކަން ބޭނުންވި އެއްޗެއް ގަންނާނެ ފަައިސާވެސް، ކާހިތްވި ކޮންމެ އެއްޗެއް ލިބޭނެ ރެސްޓޯރެންޓުތައްވެސް ބަލާލި ކޮންމެ ދިމާލެއްގައި ހުއްޓެވެ. އެވަރަކުން ނުފުދެއެވެ. ބޭރަށް ދާންބޭނުން ނުވާފަހަރުތަކާއި، ކައްކަން ބޭނުން ނުވާ ފަހަރުތަކުގައި ހިތަށްއެރި ކާއެއްޗެއް ގެއާ ހަމައަށް ގެނެސްދޭނެ އެތަށް ވެބްސައިޓަކާއި އެޕެއްވެސް ހުއްޓެވެ. ދެންވީގޮތް އަންދާޒާ ކޮށްލުން އެއީ މާއުނދަގޫ ކަމަކަށް ނުވާނެއެވެ. އާދޭހެވެ. އަދި އިތުރަށް ބަރުވީއެވެ. ރާއްޖެއިން ބޭރުގައި ހޭދަކުރި ފުރަތަމަ އަހަރު ނިމުންއިރު ބަރުދަނުގައި 114 ކިލޯ ހުއްޓެވެ. ފުރަތަމަ 3 އަހަރު ނިމުން އިރު ބަރުދަނުގައި 123 ކިލޯހުއްޓެވެ.

ނަމަވެސް ކައްޓާއިން 123 ފެނުން ދުވަހު އަޅުގަނޑަށް ކުރެވުނީ މުޅިން ތަފާތު އިޙުސާސެކެވެ. ހިނގަން އުނދަގޫވެ، މާނޭވާ ލެވި، ފުންނާބުގައާއި ބުރިކަށީގަައި ރިހުނު ރިހުމާއި ވީއުނދަގުލުންވެސް ނުކުރެވުނު އިޙުސާސެކެވެ. ގަތީ އޭގެ ކުރިން އަމިއްލަ ނަފުސާއި މެދު ނުގަންނަ ލަދެކެވެ. ވީ އޭގެ ކުރިން އަމިއްލަ ނަފުސާއި މެދު ނުވާ ދެރައެކެވެ. މާބޮޑުވަރު ވެއްޖެކަން އަމިއްލައަށް ޤަބޫލު ކުރެވި އެހަޤީގަތާއި ކުރިމަތިލާން ނިންމީ އެދުވަހުއެވެ. ކުރިން ކެއުމުގައި ގެންގުޅުނު ޢާދަތަށް ބަދަލުކޮށް، ދުޅަހުޔޮ ޞިއްޙަތެއްގެ ވެރިއަކަށް ވާން އަޒުމު ކަނޑައެޅީ އެހިސާބުންނެވެ. މީހަކު ބުނި ބަހަކަށް، މީހަކު އެދުނު އެދުމަކަށް، ކުރި މަލާމާތަކަށް އަދި މީހަކަށް ދެއްކޭކަށްވެސް ނޫނެވެ. ހަމަ އެކަނި އަޅުގަނޑުގެ އަމިއްލަ ނަފުސާއި، އަމިއްލަ ޞިއްޙަތާއި އަދި އަމިއްލަ ހިތްހަމަ ޖެހުމަށްޓަކައެވެ.

އެދުވަހުން ފެށިގެން ކެއުމާއި އުޅުން މުޅިން ބަދަލު ކުރީމެވެ. ކާން ފެށީ ކުރިން ކައި އުޅުނު ބަތް ތަށީގެ ހަތަރު ބަައިކުޅަ އެއްބައެވެ. ތިންމަސް ދުވަސް ވަންދެން ކޮންމެ ދުވަހަކުހެން ފަތަން ދިޔައީމެވެ. ގޭތެރޭގައި ހުންނަ އެކިވަރުގެ މަސައްކަތްތައް ކޮށް، ގިނަގިނައިން ހިނގާ އުޅެން ފެށީމެވެ. ޞިއްޙަތަށް ގެއްލުންވާ ފަދަ ކެއުންތަކާއި މުޅިން އަލްވަދާޢު ކިޔާ، ކާން ބޭރަށް ދިޔުން ވަރަށް ބޮޑަށް މަދުކޮށް، އޯޑަރު ކޮށްގެން ކާއެއްޗެހި ގެއަށް ގެނައުން އެއްކޮށް ހުއްޓާލީމެވެ. އެގޮތުން ތެލުލި އަލުތްވާއި، އައިސް ކިރިމާއި، ތެލުލި ކުކުޅާއި، ޕިއްޒާއާއި، ނޫޑުލީހާހި، ފިޒީ ޑްރިންކްސް އާއި، ސޮސެޖު ފަދަ ޕްރޮސެސްޑް މީޓަކީ ކެއުމުގައި އެއްގޮތަކަށްވެސް ބޭނުން ނުކުރާ ތަކެއްޗެވެ. ކާބޯހަައިޑްރޭޓްސްގެ ބާވަތްތައް މަދުކުރި ތަން ފޫބެއްދީ ތަރުކާރީގެ ބާވަތްތަކާއި ޕްރޮޓީން ލިއްބައިދޭ މަހާއި ބިހުގެ ޒަރިއްޔާއިންނެވެ. އަނގަފޫއްސަށް އާންމުކޮށް ކަައި އުޅެނީ ބަދަނާއި މޭވާއެވެ.

ނަމަވެސް އަޅުގަނޑަށް މިދެންނެވުނީީ ހިކެން މަސައްކަތް ކުރައްވާ ބޭފުޅަކަށްނަމަ މުޅިން ބާވާހަކަތަކެކެވެ. މިދެންނެވި ފަދަ އުސޫލަކުން ކަންކޮށްކޮށްވެސް ބަރުދަނަށް އެއްވެސް ބަދަލެއް ނާންނަ އެތައް ބޭފުޅުންނެއްވެސް ތިއްބަވާނެއެވެ. އެހެންނަމަ މިއަދު އޭގެ އެއްއަހަރު ފަހުން އަޅުގަނޑުގެ ބަރުދަނުގައި 83 ކިލޯ ހުންނަން މިދިމާވީ އިތުރަށް ކޮންކަމެއް ކޮށްގެން ހެއްޔެވެ؟ ޖަވާބަކީ ކެލޮރީ ކައުންޓު ކުރުމެވެ.

ކެލޮރީއަކީ ކޮންއެއްޗެއްކަން ބުނެދޭން ހުދު އަޅުގަނޑަށްވެސް ނޭނގެއެވެ. އަޅުގަނޑު ކުރި ދިރާސާއިން ދަސްވި ގޮތުގައި އެއީ ހަކަތަ މިނާ މިންގަނޑެވެ. ކެލޮރީގެ މާނަ ނޭނގުން އެއީ މާބޮޑުކަމަކަށް ނުހައްދަވާށެވެ. މުހިއްމީ ހިކެން ބޭނުން ކުރާ ފޯމިއުލާއެވެ. އެއީ "ކެލޮރީސް އިން ވާސަސް ކެލޮރީސް އައުޓް" އެވެ. ކެވޭ ކޮންމެ އެއްޗެއްގައިވެސް ކެލޮރީސް ހުންނާނެއެވެ. އެހެންކަމުން ކެއުމަކީ ހަށިގަނޑަށް ކެލޮރީ އެތެރެވާގޮތެވެ. އަދި ހަރަކާތްތެރިވެ ކަސްރަތުކޮށް އުޅުމުގެ ސަބަބުން ހަށިގަނޑުން ކެލޮރީ އަންދާލައެވެ. އެހެންކަމުން ކަސްރަތަކީ ހަށިގަނޑުން ކެލޮރީ ބޭރުވާ ގޮތެކެވެ. ކަސްރަތާއި ނުލާވެސް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުވަހެއްގެ ތެރޭގައި އާންމު ގޮތެއްގައި 2000 ކެލޮރީ އަންދާލައެވެ. ނަމަވެސް މިއަދަދަކީ އެކިއެކި ސަބަބުތަކާހުރެ އެކިމީހުންނަށް ތަފާތުވާނެ އަދަދެކެވެ. އެހެންކަމުން ހިކެން ބޭނުންވާނަމާ ކުރަންޖެހޭ ކަމަކީ އެދުވަހެއްގައި ކާތަކެތީގައި ހުންނަ ކެލޮރީ އަށްވެރެ އިތުރަށް ކެލޮރީ އެންދުމެވެ. ހަށިގަނޑު އަމިއްލަ ޒާތުގައި އަންދާ ކެލޮރީގެ އިތުރަށް ކެލޮރީ އަންދާ އަވަހަށް ހިކެންބޭނުންނަމަ ހަރަކާތްތެރިވެ އުޅެންވީއެވެ.

ނަމަވެސް ކެލޮރީއެއްގެ މާނަވެސް ރަނގަޅަށް ނޭނގި މިކެވެނީ ކިތައް ކެލޮރީކަން އަދި މިއެންދެނީ ކިތައް ކެލޮރީކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟ މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮންމެކަމަކަށްވެސް އެޕެކެވެ. ކެލޮރީ ގުނަންވެސް އެޕެކެވެ. އަޅުގަނޑު ބޭނުންކުރީ "މައި ފިޓްނެސް ޕާލް" ނަމަކަށްކިޔާ އެޕެކެވެ. މިއެޕުގައި ކުރި ކަސްރަތުތައް ލިޔުމުން އެނދީކިތައް ކެލޮރީކަން އަންގައިދެއެވެ. ކޭތަކެތި ލިޔުމުން އެތެރެވީ ކިތައް ކެލޮރީކަންވެސް އަންގައިދެއެވެ. އަމިއްލައަށް ކައްކާ ރެސިޕީތައް ލިޔުމުން އޭގައި އެކުލެވޭ ކެލޮރީގެ މިންވަރުވެސް އަންގައިދެއެވެ. މިއެޕް ބޭނުންކުރަން ފުރަތަމަ ކޮޅުގައި އުނދަގޫ ވެދާނެއެވެ. ކާކޮންމެ އެއްޗެއް ފޮތެއްގައި ލިޔާ އުސޫލުން ލިޔުންވެސް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ކެރިގެން، ހިތްވަރާއި ފަރުވާތެރިކަމާއި އެކު ކުރިއަށް ދާށެވެ.

ކެލެރީ ގުނާއިރު ސަމާލު ވާންވީ ކަންކަން

ދެން ދަންނަވަން މިއުޅެނީ މިގޮތަށް ކެލޮރީ ގުނާއިރު ސަމާލުކަން ދޭންވީ ބައެއް ކަންކަމެވެ. ފުރަތަމަ ކަމަކީ ރަހަބަލާލުމުގެ ގޮތުންވެސް އަނގަޔަށްލާ ކިތަންމެ ކުޑަ އެތި ކޮޅެއްގައިވެސް ކެލޮރީސް ހުންނާނެކަން ހަނދާން ބަހައްޓާ، ދުވަހުގެ ކެލޮރީ އިންޓޭކުގެ ތެރޭގައި އެބައިވެސް ހިމެނުމެވެ. ދެވަނަ ކަމަކީ ކެލޮރީ ގުނައިގެން މަދުންކޭނަމަވެސް، ކެވޭ އެއްޗެއްސާއި އޭގެ ނިއުޓްރިޝަނަލް ވެލިއު ނުވަތަ އޭގެން ހަށިގަނޑަށް ލިބޭނެ ފައިދާ އަދި ގެއްލުމަށް ރިޢާއަތް ކުރުމެވެ. ސަތޭކަ ކެލޮރީގެ ދޮންކެޔޮވަކަކަށްވުރެ 80 ކެލޮރީގެ ލުއިކާނާ ޕޭކެޓެއް މޮޅުނުވާނެކަން ޤަބޫލު ކުރުމެވެ. މީގެ އިތުރުން ގިނަގިނައިން ފެން ބުއިން ވަރަށް މުހިއްމެވެ. ފެނަކީ އޭގައި އެއްވެސް ކެލޮރީއެއް ނުހިމެނޭ އެއްޗެކެވެ. ބަނޑުހައި ވާހެން ހީވާ ގިނަފަހަރުވެސް ހަށިގަނޑަށް ފެން ލިބުމުން ފުދޭނެއެވެ. ފިނި ކޮށްގެން ފެންބޯން ފަސޭހަނަމަ ފުޅި ހޯދައިގެން ފެން ފިނިވެސް ކުރަންވީއެވެ.

ދެން ދަންނަވަން މިއުޅެނީ ފިޓްނެސް ދާއިރާގެ ތަޖުރިބާކާރުން މާޤަބޫލުކުރާ އަދި ތާޢީދު ކުރާ ވާހަކައެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުންނަމަ މާގިނައިން ކަައްޓާއަށް އަަރައި ބަރުދަން ބަލާކަށް ނުޖެހެއެވެ. ނަމަވެސް އައްސަވާށެވެ. ކޮންމެ ދުވަހަކުވެސް އެކި ސަބަބުތަކާހުރެ ބަރުދަނަށް އެކި ވަރުގެ ބަދަލު އާދެއެވެ. މިބަލުތަކާއި އޭގެ ކުރިން ދުވަހު ކޭއެއްޗަކާއި މިނެ ކިރާލުމުން އަމިއްލަ ހަށިގަނޑާއި މެދު ދަސްވާނެ އެތައް ކަމެއް ހުންނާނެއެވެ. މިގޮތުން އިއްޔެ ކިތަންމެ މަދުން ކެލޮރީ އެކުލެވޭ ކާނާ ކޭނަމަވެސް މިއަދު ބަރުވެފައި ހުރެދާނެއެވެ. އިތުރަށް ވިސްނާލުމުން ފަހަރެއްގަައި އިއްޔެ މާސޯޑިއަމް ގިނަ އެއްޗެއް ކެވުނީ ކަމަށް ވެދާނެއެވެ. ސޯޑިއަމް އަކީ ލޮނެވެ. ޕެކެޓުގައި ބަންދުކޮށްފައި ހުންނަ އެއްޗެއްސަކީ އާންމު ގެތެއްގައި ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވޭ ތަކެއްޗެވެ. ސޯޑިއަމް މާގިނައިން ބޭނުން ކުރެވޭނަމަ ހަށިގަނޑުގައި ފެން ހިފަހައްޓާ ހިކެން އުނދަގޫވެއެވެ. އެހެންކަމުން ބަރުދަން ބަލާ، މާޔޫސް ވުމުގެ ބަދަލުގައި ކެއުމަށް ބަދަލުގެންނަން ޖެހޭނަމަ ގެންނަންވާނެއެވެ. އަޅުގަނޑު އާންމުކޮށް ބަރުދަން ބަލާ އުޅެނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު ހުސް ބަނޑާ ހުރެއެވެ.

މިހުރިހާ ކަމަކީވެސް ވަގުތު ނަގާ ކަންކަމެވެ. އެޕަށް ހުރިހާ މަޢުލޫމާތެއް އެންޓާ ކުރުމާއި، ފައިދާ ހުރި ކާއެއްޗެހި ގަނެ ތައްޔާރުކުރުމަކީވެސް ވަގުތުނަގާ ކަންކަމެވެ. ހައްލަކީ ކުރިއާލައި ތައްޔާރު ވުމެވެ. އެހަފްތާއަކަށް ބޭނުންވާ ތަކެތި ގަނެ، ކައްކާ، ވަކިތައްޓަށް އަޅައި ތައްޔާރު ކޮށްފައި ބެހެއްޓުމެވެ. ނުވަތަ "މީލް ޕްރެޕް" ކުރުމެވެ. އަދި ރެސިޕީތަކާއި އެހެނިހެން މަޢުލޫމާތުވެސް ކުރިއާލައި އެޕްގައި ލިޔެފާ ބެހެއްޓުމެވެ. މިއީ ހަފްތާ ބަންދުގައި ކުރެވިދާނެ ކަންކަމެވެ. މީގެ ސަބަބުން އަބަދުވެސް ކާނެ އެއްޗެހި ތައްޔާރުވެފައި ހުންނާނެއެވެ. ބޭރުން ކެއުމާއި، އޯޑަރު ކުރުމާއި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ތަކެއްޗާ ދުރުވުމަށްވެސް މިއީ ލިބޭ ރަނުގެ ފުރުޞަތެކެވެ.

މިދަންނަވާލެވުނީ ވޭތުވެދިޔަ އެއްއަހަރު ދުވަސް ތެރޭގައި ހިކުމަށްޓަކައި އަޅުގަނޑު ކުރި ބައެއް ކަންކަމާއި ދަސްވި ބައެއް ކަންކަމެވެ. އަޅުގަނޑަކީ އަމިއްލަ ފޮޓޯ މީސްމީޑިޔާއަށްލައި، ހިކުނުކަން މީހަކަށް އަންގަން ބޭނުންވާ މީހެއް ނޫނެވެ. ނަމަވެސް މިލިޔުން ލިޔަން އަޅުގަނޑު ގަސްދުކުރީ އަޅުގަނޑު ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި މިކުރާ ދަތުރުގައި ދަސްވި ކަންކަމުން އިތުރުން ބަޔަކަށް އޭގެން މަންފާއެއް ކޮށްފާނެ ކަމުގެ އުއްމީދުގައެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ހިކެން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް މިއީ ކުރެވިދާނެ ކަމެއްކަމެވެ. އަމިއްލަޔަށް ބޭނުންވެގެން، ހިތްވަރާއި އެކު ކުރިމަތި ލާށެވެ. ހިކުމުގައި ދިމާވާ މަޑުޖެހުންތަކާއި، މާޔޫސް ކަމަކީވެސް ހައްލު ހޯދޭނެ، ދިރާސާ ކުރެވޭނެ ކަންކަމެވެ. މިކަމުގައި އިންޓަނެޓަކީ ތިބާގެ އެކުވެރިއެއް ކަމުގައި ދެކިގެން ކުރިއަށް ދާށެވެ. އާރެސިޕީތަށް ކައްކާ ކެއްކުމުގެ ހުނަރު ތަރައްޤީ ކުރަންވެސް މިފުރުޞަތުގެ ބޭނުން ހިފާށެވެ. ބޭނުންވާ އަމާޒަށް ވާޞިލު ވެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355