twitterviber whatsapp telegramfacebookyoutube instagram
18th April 2024

ގާނޫނީ ކޮލަމް - ތަރިކަމުދާ ބެހުން

Dec 12, 2019
3

ކިތަންމެ ލޯބިން ހަމަޖެހިގެން އުޅޭ ޢާއިލާއެއް ކަމުގައިވިޔަސް ބައްޕަ ނުވަތަ މަންމަ ނިޔާވެ ތަރިކަބަހަންޖެހޭ ހިސާބަށްދިޔުމުން، އެ ޢާއިލާގެ ތެރޭގައި ވާދަވެރިކަމާއި ޙަސަދަވެރިކަމުގެ ޢަލާމާތްތައް ފާޅުވަނީ މަދަކުންނޫނެވެ. ބައެއްފަހަރު، އެ ޙަސަދަޔާއި ދެކޮޅުވެރިކަން އިންތިހާއަށްބޮޑުވެ، އެޢާއިލާގެ ތެރޭގައި ނަފުރަތުގެ ހުޅުރޯވެ، އެއްބަނޑުމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ކަންކަންދެއެވެ. އެކެއްގެ ގޯސްވާހަކަ އަނެކަކު ދައްކާ ހިސާބަށްދެއެވެ.

ރާއްޖޭގައި ބިމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަމުން، ބިމުގެ ވާދަވެރިކަން ޢާއިލާގެ ތެރެއަށް ބަންޑުންވަނީއެވެ. މިކަންކަން ބޮޑަށް ފެންނަނީ ބެހެނިވެރިންނަކީ ކޮބައިތޯ ބަލާ ހިސާބުންނާއި، ގޯތި ބައިކުރަންޖެހޭ ހިސާބުންނެވެ. ގޯތިން ބައެއް ލިބޭ މީހެއްގެ ގޮތުގައި އެއްބަފާ ނުވަތަ އެއްބަނޑުމީހެއް ހުރެއްޖެކަމުގައިވާނަމަ، އެމީހަކަށް ބައެއްނުދީވޭތޯ ބަލައެވެ. ޢާއިލާގައި އެންމެ އަންހެންކުއްޖެއް ހުންނަ ޙާލަތުގައި، އެކުއްޖާ ތަރިކައިން މަޙްރޫމް ކުރުމަށްވެސް މަސައްކަތް ކުރާތަން ފެނެއެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންވަނީ، އެންމެ ރަނގަޅު ހިސާބުން ތިމާގެ ބައި ލިބުމަށެވެ. ބޮޑުމަގަކަށް އޮތް ގޯއްޗެއްނަމަ އަދިމިކަން މާބޮޑެވެ. ތަރިކަ ބެހުމުގައި ކަންކުރެވިދާނެ ބައެއް ގޮތަށް ބަލާލަމާތޯއެވެ.

• ތަރިކައިގެ މައްސަލަ ކޯޓަށް ހުށައެޅުން

ތަރިކައިގެ މައްސަލަ ކޯޓަށް އަވަހަށް ހުށަހެޅުމަށް ފަސްޖެހެވެނީ، މަރުވެގޮސްފައިވާ މަންމަ ނުވަތަ ބައްޕަދެކެ ލޯބިވާވަރު ކުޑަކަމަށް ބަޔަކަށް ހީވެދާނެތީ ކަންނޭގެއެވެ. ތަރިކަ ބެހުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެެއް ނޯވެއެވެ. އެހެންނަމަވެސް އެންމެ ރަނގަޅުގޮތަކީ، ވީ އެންމެ އަވަހަކަށް ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހެޅުމެވެ. ފަހުން ދިމާވެދާނޭ ގިނަ ދަތިތަކަކުން ސަލާމަތްވުމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމަށް ހުރިހާ ބެހެނިވެރިން އެއްބަސްނުވެދާނެއެވެ. އަދި އެކަމަށް ހުރަސްވެސް އަޅާފާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ، ތަރިކަ ބެހުމަށް ހުރިހާ ވާރިސުން އެއްބަސްވުމަކީ ލާޒިމް ކަމެއްނޫނެވެ. ވާރިސުންގެ ތެރެއިން އެކަކު މައްސަލަ ކޯޓަށް ހުށަހެޅުމުން ފުދޭނެއެވެ. އެހިސާބުން މައްސަލަ ހިނގައިގަންނާނެއެވެ.

• ތަރިކައިގެ މައްސަލަ ކޯޓަށް ހުށައަޅާނީ ކިހިނެއް؟

ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހަޅާނީ، އެކަމަށް އޮންނަ ޚާއްސަ ފޯމަކުންނެވެ. ތަރިކައިގައި ނުއުފުލޭ މުދާ (ބިން) ހުރިނަމަ، އެމައްސަލައެއް ހުށަހަޅާނީ އެ މުދަލެއްހުރި (އެބިމެއްއޮތް) ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. ނުއުފުލޭ މުދާ (ބިން) ހުރީ މާލޭގައިނަމަ، މައްސަލަ ހުށަހަޅާނީ ފެމިލީ ކޯޓަށެވެ. ތަރިކައިގައި ނުއުފުލޭ މުދާ ނެތްނަމަ، އެމައްސަލައެއް ހުށަހަޅާނީ މަރުވިމީހާގެ ދާއިމީ އެޑްރެސް އޮތް ރަށުގެ ކޯޓަށެވެ.

• ނުއުފުލޭ މުދަލުން ބައެއް ލިބޭނީ ކޮންބަޔަކަށް؟

ބަންޑާރަ ގޯތި ނުވަތަ ޢަމިއްލަ ގޯތިން ބައެއް ލިބޭނީ ދެ ބަޔަކަށް އެކަންޏެވެ. އެއީ،
1. މަރުވި މީހާގެ އުފަންދަރިން؛
2. މަރުވި މީހާގެ އަނބިމީހާ / ފިރިމީހާ
މިއަށްވުރެ ދުރު ވާރިސުންނަކަށް ތަރިކައިން ބިމެއް ނުލިބޭނެއެވެ.

ބަންޑާރަ ގޯއްޗެއް ނުވަތަ ޢަމިއްލަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ވާރިސުންގެ މެދުގައި ބެހިދާނެއެވެ.

ބަންޑާރަ ގޯއްޗެއް ކަމުގައިވާނަމަ، ބިން ބެހިގެންދާނީ ހުރިހާ ވާރިސުންގެ މެދުގައި ހަމަހަމައަށެވެ. ޢަމިއްލަ ބިމެއް ކަމުގައިވާނަމަ، ވާރިސުން ބޭނުންނަމަ ހުރިހާ ވާރިސުންގެ މެދުގައި ހަމަހަމައަށްވެސް ބެހިދާނެއެވެ. ނުވަތަ ވާރިސުން ބޭނުންވަނީ، ތަރިކައިން ބައި ލިބޭ ނިސްބަތުން (އަންހެން ކުއްޖަކަށް 1 ބައި، ފިރިހެން ކުއްޖަކަށް 2 ބައި) ކަމުގައިވަނީނަމަ، އެގޮތަށްވެސް ބިން ބައިކުރެވިދާނެއެވެ.

ޤާނޫނަށް ދާދިފަހުން ގެނެވުނު އިސްލާޙެއްގެ ސަބަބުން، ބިން ބައިކުރެވޭ އެންމެ ކުޑަމިނެއް މިހާރަކު ނޯވެއެވެ. ކިތަންމެ ކުޑަ ފޮއްޗަކަށްވެސް ބިން ބައި ކުރެވިދާނެއެވެ. އަދި އެބައިތައް ވަކިވަކި ގޯތި ތަކެއްގެގޮތުގައި ރަޖިސްޓްރީ ކޮށްދެވިދާނެއެވެ.

• އުފުލޭ މުދާ ބަހާނީ ކިހިނެއް؟

އުފުލޭ މުދަލުން ބައިލިބޭ ހުރިހާ ވާރިސުން އެއްބަސްވާނަމަ، ހުރިހާ ވާރިސުންގެ މެދުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ހަމަހަމަ އުޞޫލުން އުފުލޭ މުދާ ބެހިދާނެއެވެ. ހުރިހާ ވާރިސުން ބޭނުންވާނަމަ، ތަރިކައިން ބައި ލިބޭ ނިސްބަތުން އަންހެންކުއްޖަކަށް އެއްބައި، ފިރިހެން ކުއްޖަކަށް ދެބައިގެ އުޞޫލުންވެސް ތަރިކަ ބެހިދާނެއެވެ. އަދި މީހެއްގެ ތަރިކަމުދާ ބަހާއިރު، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ދަރިންނެކޭ އެއްފަދައިން ބައިލިބޭނެއެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި، އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށްވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355