ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދީ، އަދި އެ އަތޮޅުގައި ރިސޯޓް ހަދަން ރަށްތަކެއް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފެށި "ވިޔަވަތި ރާއްޖޭ"ގެ ނަމުގައި މިއަދު ފެށި މަހާސިންތާގެ ތެރެއިން ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތައް ބައިވެރިވެގެން ކުރިއަށް ގެންދާ މި މަހާސިންތާގައި ރައީސް ވިދާޅުވީ ހދ އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެންމެ ބޮޑު ބަދަލަކީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުން ކަމަށެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދާއިރު ދެންވާނެގޮތް ގާނޫނުގައި އެބައޮތްކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށެއް ޓޫރިޒަމަށް ތަރައްގީ ކުރުމަށް ބީލަމަށްލާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީއިން ނިންމާފައި ވަނީ، މި ސަރުކާރުގައި ރިސޯޓް ހަދަން އަލަށް ބީލަމަށްލާ ރަށްތައް އަންނަ އަންގާރަ ދުވަހު ދަރުބާރު ގޭގައި ބާއްވާ ހާއްސަ ހަފްލާއެއްގައި އިއުލާން ކުރުމަށެވެ.
ހދ ކައުންސިލުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ކުޅުދުއްފުށްޓަކީ މިހާރު ވެސް އެ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވެފައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރު ހދ އަތޮޅުގެ ވެރިކަން ކުރާ ރަށަކަށް ވާނެ ގޮތަކާ މެދު އެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކުޅުދުއްފުށި ސިޓީއަކަށް ހެދުމުންވެސް މުޅި ހދ. އަތޮޅު ހިންގުމުގެ އިސް ފަރާތަކަށް ވާނީ ކުޅުދުއްފުށި ސިޓީ ކައުންސިލެވެ.
ކުޅުދުއްފުށި ސިޓީއަކަށް ހެދުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.