ހދ އަތޮޅުން ފަތުރުވެރިކަމަށް ތިން ރަށް ދޫކުރުމަކީ އަތޮޅުގެ ރައްޔިތުންނަށް މިވަގުތަށް ހައްގު މިންވަރެއް ނޫންކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ބިންތަކާއި 29 ރަށް ސަރުކާރުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ އިއުލާނުކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނެނީ ހދ އަތޮޅުގެ އެންމެ ތިން ރަށެވެ.
ހދ އަތޮޅުން އެންމެ ތިން ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމުމުން އެކަމާ ހިތްހަމަނުޖެހި، ލަތީފް ވިދާޅުވީ، ތިން ރަށް ފަތުރުވެރިކަމަށް ދޫކުރުމަކީ ހދ ގެ ރައްޔިތުންނަށް މިވަގުތަށް ހައްގު މިންވަރު ނޫން ކަމަށެވެ.
"ހދ އިން 3 ރަށް ޓޫރިޒަމަށް ދޫކުރުމަކީ ހދ ގެ ރައްޔިތުންނަށް މިވަގުތަށް ހައްގު މިންވަރެއް ނޫން." އެމްޑީޕީއަށް ނިސްބަތްވާ ލަތީފް ވިދާޅުވި އެވެ.
މީގެ 15 އަހަރު ކުރިން ރިސޯޓް ހެދުމަށް ހަވާލުކުރި ނާގޯއްޓާއި ކުޑަމުރައިދޫ ހަވާލުކޮށްފައިވާ ފަރާތްތަކުގެ އަތުން ނަގައި އެކަން ކުރެވޭވަރުގެ ބަޔަކާ އެ ރަށްތައް ހަވާލުކުރުމަށްވެސް ލަތީފް ވަނީ ގޮވާލައްވާފަ އެވެ.
ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާންކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ހދ ގެ ރަށްތައް ހޯދުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުމެން ހދ ގެ ރަށްތައް ހޯދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. ރައްޔިތުން އެދިގެންނާއި އެތައް ބައެއްގެ ހިޔާލާއެކު އަޅުގަނޑުމެން ކުރިއަށް ނެރުނު ރަށްތައް އެހެންނަމަވެސް ހދ ގެ ރަށްތަކުގެ އެސިސްމަންޓަށް ފަހު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖެއް ދިމާވި. މިއީ އަޅުގަނޑުމެންނަށް ކޮންމެހެން ހދ އިން މިވަގުތު ނެރެވެން ހުރި ރަށްތައް." މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ނާގޯށީގެ މަސައްކަތް އަލުން އަންނަ އަހަރު ފަށާނެ ކަމަށެވެ. އެކަމަށްޓަކާ އެމްޓީޑީސީއަށް ސަރުކާރުގެ ތެރެއިން ދެވެން ހުރި ލުއިތައް ދީފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ހދ އަތޮޅަކީ އާބާދީގައި ތިންވަނަ އަތޮޅެވެ. އެކަމަކު މިހާތަނަށް އެ އަތޮޅުގައި ހުޅުވިފައިވަނީ އެންމެ ރިސޯޓެވެ.