twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަންނަ އަހަރު ނާގޯށީގެ މަސައްކަތް އަލުން ފަށަނީ

އަބްދުލް ވާހިދު ޙަސަން
Dec 18, 2019
2

600 އެނދާއެކު ތަރައްގީކުރަން 2006 ވަނަ އަހަރު ރިސޯޓް ހަދަން ދޫކޮށްފައިވާ ހދ ނާގޯށީގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ އަހަރު ނާގޯށީގެ މަސައްކަތް އަލުން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރިސޯޓް ހެދުމަށްޓަކާ ދޫކޮށްފައިވާ ނާގޯށީގެ މަސައްކަތް ނުނިމި ވަނީ ދިގުލާ ގޮސްފަ އެވެ. އެހެންވެ އެކަމުގެ ކަންބޮޑުވުމާ ނުތަނަވަސްކަން އަތޮޅުގެ ރައްޔިތުންދަނީ ފާޅުކުރަމުންނެވެ.

ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ރަށްތައް އިއުލާން ރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި "ބުރަބި" ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެމްޓީޑީސީގެ ބެލުމުގެ ދަށުގައި އޮތް ނާގޯށީގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށެވެ.

"އެމްޓީޑީސީގެ ބެލުމުގެ ދަށުގައި އޮތް ހދ ނާގޯށި، ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ރަށް އެއީ، އެ ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފަ އެ ރަށާ ބެހޭގޮތުން، މިހާރު އޮންނާނީ އަޅުގަނޑުމެންނަށް ދެވެން އޮތް ލުއިތައް ދީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މާލިއްޔަތު ގާނޫނާ އެއްގޮތަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފަ." މިނިސްޓަރު ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާ ނާގޯށީގެ މަސައްކަތް މި ފެށޭ ރަށްތަކާއެކު ނާގޯށީގެ މަސައްކަތް ފެށިގެންދާނެ. އެއީވެސް ހދ ގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި އޮތް ރަށެއް." އަލީ ވަހީދު ވިދާޅުވި އެވެ.

އަންނަ އަހަރު ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ތެރޭގައި ހދ އަތޮޅުން 3 ރަށެއްވަނީ ހިމަނާފަ އެވެ. އެއީ ވައިކަރަމުރައިދޫ، ހޮނޑައިދޫ އަދި ކުޑަފަރުފަސްގަނޑެވެ.

ނާގޯށީގެ އިތުރުން ހއ އުތީމް ޓޫރިޒަމް ޒޯންގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަށްކަށް ގެނެސް އެ މަސައްކަތްވެސް އަންނަ އަހަރު ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހދ ގެ ރަށްތައް ހޯދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނުކަމަށެވެ. އަދި ރައްޔިތުން އެދިގެންނާއި އެތައް ބައެއްގެ ހިޔާލާއެކު ކުރިއަށް ނެރުނު ރަށްތައް، އެހެންނަމަވެސް ހދ ގެ ރަށްތަކުގެ އެސިސްމަންޓަށް ފަހު ވަރަށް ބޮޑު ގޮންޖެހުން ކުރިމަތިވި ކަމަށެވެ.

ހދ ގައި ބޮޑެތި ރަށްތައް އެބަހުރި ކަމަށާ އެކަމަކު ބެލިބެލުމަށް އެރަށްތަކީ ރިސޯޓް ހަދަން އެންމެ ރަނގަޅު ރަށްތަކެއް ގޮތުގައި ނުފެނުނު ކަމަށެވެ. އެއީ އެހެން ސިނާއަތުގެ މަސައްކަތްތައް ކުރުމަށް ދޫކޮށްލަން ޖެހޭ ރަށްތަކެއްކަމަށް ދިރާސާތަކުން ދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355