ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބ ކިހާދޫ ކުޑަކުދިންގެ ޕާކުގަައި ކުދިން ކުޅޭ ސާމާނު ބަހައްޓައި އެ ޕާކް ބޭނުން ކުރަން ފަށައިފިއެވެ.
މި ޕާކު ތަރައްގީ ކުރެވިފައިވަނީ ސެލްފް ސޯލާ ލައިޓް ހަރުކޮށް ތިމާވެއްޓާ ރައްޓެހި ޕާކެއްގެ ގޮތުގައެވެ. އެގޮތުން ޕާކު އަލިކުރުމަށް އިތުރު ކަރަންޓެއް ބޭނުންމެއް ނުކުރާނެއެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.
ކިހާދޫ ގައި ތަރައްގީ ކުރެވިގެންދިޔަ ކުޑަކުދިންގެ ޕާކަކީ ކިހާދޫ އަށް ނިސްބަތްވާ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް އިސްނަގައިގެން އެރަށުގެ ކުޑަކުދިންނަށް ހެލިފެލިވެ އުޅުމަށާއި ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގުމަށާއި މައިންބަފައިން ދަރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ގާއިމް ކުރެވުނު މާހައުލެކެވެ. އެގޮތުން މި ޕާކުގެ ވަށާ ފާރުގައި ހަރުކުރުމަށް ބޭނުންވާ ސެލްފް ސޯލާ ލައިޓާއި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ބޭނުންވާ ކުޑަކުދިންގެ ކުޅޭ ސާމާނު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.
ބީއެމްއެލް ކޮމިއުނިޓި ފަންޑަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ކުރިއަށް ގެންދާ ހަރަކާތެކެވެ.