twitterviber whatsapp telegramfacebookyoutube instagram
23rd May 2025

އެމްޑިއެން އުވާލައި ރަސްމީކޮށް އިއުލާންކޮށްފި

ޚަދީޖާ އާދަމް
Dec 19, 2019

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލައިފި އެވެ

މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު އެމްޑީއެން އުވާލާފައިވަނީ މިއަދު އެވެ.

އެގޮތުން ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެމްޑީއެންއާ ގުޅޭ ހުރިހާ މައްސަލައެއް ނިންމުމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދިން ފުރުސަތު ހަމަވިއިރު އެއްވެސް އެއްޗެއް އެ ޖަމިއްޔާ އިން އަންގާފައި ނެތް ކަމަށާއި އެހެންވެ މިއަދުން ފެށިގެން އެމްޑީއެން ރަސްމީކޮށް އުވާލާ ކަމަށެވެ.

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.

އެމްޑީއެން އުވާލާފައި މިވަނީ، އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު އެވެ.

އެގޮތުން އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ގުރުއާނުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކަ އެކެވެ.

އަދި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އަދިވެސް އެފަދަ އިތުރު ކަންކަން އޭގައި ވެ އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ވެސް އެންގި އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ފުލުސް އޮފީހަށް ހާޒިރެއް ނުވެ އެވެ. އެ ދެ މީހުން ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.

ޖަމިއްޔާ އުވައިލަން ނިންމި ނަމަވެސް މިހާތަނަށް އެ ފިޔަވަޅު ނާޅައި އޮތީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށެވެ. އެންމެ ފަހުން، އެމްޑީއެން އުވައިލީ ގާނޫނުގެ ދަށުން ކަންކަން ނިންމަން އެ ޖަމިއްޔާ އަށް ފުރުސަތު ދިނުމަށް ފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355