twitterviber whatsapp telegramfacebookyoutube instagram
23rd May 2025

48 ރަށެއްގައި އިއާދަ ކުރަނިވި ހަކަތަ ބެނުން ކުރަންފަށައިފި

Dec 19, 2019

ރާއްޖޭގެ 48 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ބޭނުން ކުރަން ފަށައިފި އެވެ.

ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހަކަތައިގެ ދާއިރާޢިން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމް ގާއިމް ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން މިހާތަނަށް 48 ރަށެއްގައި ވަނީ މި ނިޒާމު ގާއިމްކޮށް ބޭނުން ކުރަން ފަށާފައި ކަމަށްއެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ގާއިމުކޮށް ނިމިފައިވާއިރު މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު 21.5 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން މިހާތަނަށް ވަނީ ގއ. ވިލިގިލި، ބ.ގޮއިދޫ، ތ.ބުރުނި، ޅ.ކުރެންދޫ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައާއި ހއ.އަތޮޅުގެ 14 ރަށް، ށ.އަތޮޅުގެ 13 ރަށް އަދި ނ.އަތޮޅުގެ 13 ރަށުގައި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ނިޔަލަށް ހދ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ގއ، ގދ އަދި ސ އަތޮޅުގައި އިތުރު 25 މެގަވޮޓުގެ ނިޒާމުތައް ގާއިމުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 2023 ވަނަ އަހަރުގެ ނިޔަލަށް 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355