ރިސޯޓު މުއްދަތު އިތުރު ކުރަން ނަގާ ފައިސާ ޖަމާކުރާ ޓޫރިޒަމް ޓްރަސްޓް ފަންޑުން ކަނޑައެޅޭ އުސޫލެއްގެ މަތިން އަންނަ އަހަރު ފައިސާ ދޫކުރަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް ޓްރަސްޓް ފަންޑުން އެއް މިލިއަން ރުފިޔާ "ކްރިއޭޓިވް އައިޑިއާސް" ތަކަށް ދޫކުރަން ފަންޑު ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ހިންގި ހަރަކާތްތަކުގެ މައްޗަށް ނެރެފައިވާ މެގަޒިންގައިވާ ގޮތުން މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހުރީ 1.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު އެ ފަންޑުގައި ހުރި ފައިސާގެ އަދަދު ވަނީ 24.6 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ސަރުކާރުން އަލަށް ނެރޭ ރިސޯޓުތައް އިއުލާނު ކުރަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ކޮންމެ އަތޮޅަކަށްވެސް ސީއެސްއާރު މިއަށް [ޓްރަސްޓް ފަންޑަ] އަށް އެޕްލައިކޮށްގެން ލިބޭނެ ގޮތް ހަމަޖައްސަދޭނެކަމަށެވެ.
އަދި މި ފައިސާއަކީ އަތޮޅުތަކަށް ދޭ ބައި ނުލައި ދޫކުރާނެ ފައިސާ ކަމަށާއި، މި ފައިސާ ލިބޭނީ ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ކްރިއޭޓިވް އައިޑިއާސްތަކާއެކު، ނޫނީ އިޖުތިމާއީ ހަރަކާތްތަކާއެކު އައުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރަނީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީ އިންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި ސީއެސްއާރު ފައިސާ ޖަމާކުރާނެ އުސޫލެއް ކަނޑައަޅާފަ އެވެ. އަދި މިހާރު މި ފައިސާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.