twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާރވޭއެއް ހެދުމަށް ބޭނުންވާނެ މީހުން ހޯދަނީ

ނަބީލާ އިސްމާޢީލް
Dec 22, 2019

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019/2020" ގައި ހދ.އަތޮޅުގައި ހަރަކާތް ތެރިވުމަށް އެނިއުމަރޭޓަރުން ހޯދަން އިއުލާނު ކޮށްފިއެވެ.

ހދ.އަތޮޅު ކައުންސިލްގެ އިދާރާއިން މި ކަމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މި އަތޮޅުގައި ހަރަކާތް ތެރިވުމަށް 62 އެނިއުމަރޭޓަރުން ހޯދާކަމަށެވެ. އަދި މީގެ ތެރެއިން ހޮވާލެވޭ އެނިއުމަރޭޓަރުން ހއ.އަތޮޅުގެ ސާރވޭގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

މި ސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯލެވަލް ފެންވަރު ހުރި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތް ތަކަށް ކަމަށާއި ބޯހިމެނުން ނުވަތަ މިފަދަ ސާރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތް ތަކުގެ އިތުރުން އަތޮޅު ތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެ ކަމަށެވެ.

އެނިއުމަރޭޓަރުން ހޮވުމުގެ މަސައްކަތްކުރިއަށް ގެންދަވާނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުންނެވެ. އަދި އެގޮތުން ހޮވޭ ފަރާތް ތަކަށް 8 ދުވަހުގެ ތަމްރީނެއް ދެވޭނެ ކަމަށާއި ތަމްރީނު ފުރިހަމަކޮށް ސާރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ.

އަދި ސުޕަރވައިޒަރުންގެގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސާރވޭގެ މަސައްކަތްކުރާ ދުވަސްތަކުގައި ދުވާލަކު -/550ރ ގެ މަގުން އެލަވަންސެއް ދެވޭނެކަމަށާއި ސާރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މި ތަމްރީނުގެ މުއްދަތަކީ ޖެނުއަރީ 16 ން 23 އަށެވެ. އަދި ހދ އަތޮޅުގެ ސާރވޭ ކުރިއަށް ދާނީ 25 ޖެނުއަރީން 01 ފެބްރުއަރީއަށެވެ. އަދި ހއ އަތޮޅު ސާރވޭގެ މުއްދަތަކީ ފެބްރުއަރީ 05 ން 12 އަށެވެ.

މިސާރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މައުލޫމާތު ފޯމް ލިބެން ހުންނާނީ ހދ.އަތޮޅު ކައުންސިލްގެ އިދާރާއިންނާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓުން ނެވެ.

އެޕްލިކޭޝަން ފޯމް މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައަޅަން ވާނެއެވެ. އީމެއިލް މެދުވެރިކޮށްވެސް ފޯމް ބަލައިގަނާނެ ކަމަށާއި އިތުރު މައުލޫމާތެ ބޭނުން ވާނަމަ އަތޮޅު ކައުންސިލްގެ 6528801 ނަންބަރު ފޯނަށް ގުޅުމަށް އެ އިއުލާނުގައި ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355