twitterviber whatsapp telegramfacebookyoutube instagram
21st May 2024

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ހަމަވާނަމަ: އީސީ

ނަބީލާ އިސްމާޢީލް
Dec 22, 2019

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުސިލް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓް ފޮށި ބަހައްޓާނީ ދިވެހިން އުޅޭ ގައުމުތަކުގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިގެންވާ މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޭރު ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނީ ދިވެހި ކޮންސިއުލޭޓެއް ނޫނީ އެމްބަސީއެއް ހުންނަ ގައުމުތަކުގައި ކަމަށާއި އޭގެ ތެރެއިންވެސް ވޯޓް ފޮށި ބަހައްޓާނީ އިންތިހާބުގައި ވޯޓްލުމަށް 150 ދިވެހިން ރަޖިސްޓާ ކުރާ ގައުމުތަކުގައި އެކަނި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޖަލުތަކުގައި ވޯޓް ފޮށި ބަހައްޓާނީ ވޯޓްލާން މަދުވެގެން 25 މީހުން ރަޖިސްޓާ ކުރާ ޖަލުތަކުގައި ކަމަށާއި ރިސޯޓުތަކުގެ ތެރެއިން ވޯޓް ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން ރަޖިސްޓާ ކުރާ ރިސޯޓުތަކުގައި ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 384 އަންހެނުން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެއް މިލިއަނަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރަން ނިންމާފައި ވާކަމަށާއި މި ގާނޫނުގައި ބުނާ ގޮތުން ރަށު ކައުންސިލަށް ހޮވާ އަންހެނުން މެންބަރުން، ރަށު ކައުންސިލްގެ މެންބަރުން، ރަށު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަށް ހޮވާ އަންހެން މެންބަރުން، ސިޓީ ކައުންސިލްގެ މެންބަރުން، ސިޓީގެ މޭޔަރު، އަދި އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ވޯޓު ލާން ޖެހެނީ ވަކި ކަރުދާސްކޮޅުތަކެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355