ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިއަދު އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި އެވެ.
އައިޖީއެމްއެޗްއިން ބުނީ އެ ހިދުމަތް މިއަދު ފެށިގެން ލިބޭނެ ކަމަށާއި އެ ލިބޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން ބަލިމީހާގެ ހާލަތަށް ބަލައި އެއީ މި ފިޒިއޮތެރަޕީ ދޭން ޖެހޭ ކަމަށް ހަމަޖައްސާ ބަލި މީހުންނަށް އެކަނި ކަމަށެވެ.
އެކުއެޓިކް ފިޒިއޮތެރަޕީއަކީ 34 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި ހުންނަ ފެންގަނޑެއް ތެރޭ ކުރާ ކަސްރަތެކެވެ. މި ކަސްރަތުގެ ސަބަބުން ވާންވެފައިވާ ހުޅުތަކުގެ ހުންނަ ރިހުމާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީ ވެދެ އެވެ.
އެކުއެޓިކް ފިޒިއޮތެރަޕީ ހިދުމަތް ލިބޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރު ވަނަ ފަންގިފިލާއިންނެވެ.