ދުވަހެއް ދުވަހަކަށް ކުޅުދުއްފުށީގެ އާބާދީ އިތުރުވެ، ކަރަންޓް ބޭނުންކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް 5 ޖަނަރޭޓަރު އަންނަނީ ބޭނުންކުރަމުން އެއީ އެއް މެގަވޯޓްގެ ތިން ޖަނަރޭޓަރާއި 800 ވޯޓްގެ ދެ ޖަނަރޭޓަރެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޖީނުގޭގެ ބައެއް ވަނީ މިއަހަރު ބޮޑުކޮށްފަ އެެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ފެނަކައިން ބުނީ އިންޖީނު ބެހެއްޓުމަށްޓަކާ އަލަށް ހެދި ތަން އިމާރާތްކުރުމަށް ދެ މިލިއަނަށްވުރެއް ގިނަ ރުފިޔާ ހަރަދުކުރި ކަމަށެވެ. ދެ ޖަނަރޭޓަރު ބެހެއްޓޭނެހެން ހެދި މިތަނުގައި އިމާރާތްކޮށްފައިވާ ހޫނުމިން މަތިވުން ކުޑަވާނެފަދަ ގޮތަކަށެވެ.
ފެނަކަ އިން ބުނީ އަލަށް ހެދި އިންޖީނުގޭގައި ބަހައްޓަން ހަމަޖެހިފައިވަނީ 1.2 މެގަ ކިލޯވޯޓްގެ ޖަނަރޭޓަރު ސެޓެއް ކަމަށެވެ. އެ ޖަނަރޭޓަރު ސެޓް ގެނައުމަށްޓަކާ މިހާރު ޓެންޑަރ ކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށާ އަންނަ އަހަރު ޖަނަރޭޓަރު ސެޓް ބެހެއްޓޭނެކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ.
މިހާރު ޖަނަރޭޓަރުތައް ބަހައްޓާފައިވަނީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ހަދާފައިވާ އިންޖީނުގެއެއްގައި އެވެ. 400 ކިލޯވޯޓްގެ ޖަނަރޭޓަރަށް ހާއްސަކޮށްގެން ހެދި އެ އިންޖީނުގޭގައި މިހާރު ބަހައްޓާފައިހުންނަނީ އެއް މެޖަވޯޓްގެ ތިން އިންޖީނާއި 800 ކިލޯވޯޓްގެ ދެ ޖަނަރޭޓަރެވެ. އެހެންވުމުންގެ ސަބަބުން ތަނުގައި ހޫނުމިން އިންތިހާއަށް މަތިވެ ޖަނަރޭޓަރުތަކުން އެންމެ އެކަށީގެންވާ ވަރަށް ކަރަންޓް އުފެއްދުމުގައި ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ރަނގަޅު ފެންވަރުގެ އިންޖީނުގެއެއް އެޅުމަށްވެސް ފެނަކަ އިން އަންނަނީ ތައްޔާރުވަމުންނެވެ.