ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ އަންނަ އަހަރުން ފެށިގެން ދެ ބަޔަކަށް ބަހާލައި ބޮޑު ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިހާރު އޮންނަ ގޮތުން ދެ ވަނަ ޓާމުގެ ރިޕޯޓު ފޮތާ އެކު ނޮވެމްބަރު މަހު ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔެވުން ފަށަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މިހާރުގެނައި ބަދަލާއެކު އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 އިން ފެށިގެން 11 ޖޫން 2020 އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި 6 ޑިސެމްބަރު 2020 އިން ފެށިގެން 7 ޖެނުއަރީ 2021 އަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލި ނަމަވެސް މިހާރު އޮންނަ ގޮތަށް މިޑް ޓާމް ބްރޭކްތައް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. ދެ ވަނަ ޓާމަށް ފަހު ސްކޫލްތަކުގެ ރިޕޯޓް ފޮތް ދޭނީ ޑިސެމްބަރު 3 ގަ އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލުތައް ޗުއްޓީ އަށް ބަންދުކުރާ ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާގެ އެންމެ ބާރު ބޮޑު ދުވަސްވަރަށްވާތީ އެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އެހެންވެ ކޮންމެ ކުއްޖަކު ވެސް އާއިލާ މެމްބަރުންނާ އެކު ބޮޑު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޗުއްޓީ މިހާރު ރާވާފައިވާ ގޮތަށް ބަދަލު ގެންނަން ނިންމީ ކަމަށް ބުންޏެވެ.