twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދަނޑުވެރިކަމުގައި މާގިނައިން ކެމިކަލާއި ބޭސް ބޭނުން ކުރުމުގެ ޝަކުވާ ގިނަ!

ޚަދީޖާ އާދަމް
Dec 29, 2019

ދަނޑުވެރިކަމުގައި ބޭނުންކުރާ ފެސްޓިސައިޑް ނުވަތަ ބޭހާއި ކެމިކަލް އާދަޔާއި ހިލާފަށް ގިނައިން ބޭނުންކުރާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އަލީ އާމިރު ވިދާޅުވީ ވިޔަފާރީގެ އުސޫލުން މަސައްކަތް ކުރާއިރު ކޮންމެވެސް ވަރަކަށް ކެމިކަލް ބޭނުންކުރަންޖެހޭކަމަށާއި ސަބަބަކީ ރާއްޖޭގެ ދަނޑުވެރިކަމުގައި ބައެއް ބަލިތައް އާންމުވުންކަމަށެވެ.

ނަމަވެސް ފެސްޓިސައިޑް އާދަޔާއި ހިލާފަށް ގިނައިން ބޭނުންކުރާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭކަމަށާއި އަދި ބައެއްފަހަރު މާކެޓަށް ތަކެތި ގެންނައިރު ކެމިކަލްގެ ވަސްވެސް ހުންނަ ފަހަރު އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާ ބެހޭ ބިލް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިމަހުގެ 8 ވަނަ ދުވަހު ތަސްދީގު ކުރައްވާފައެވެ. ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށް ރަސްމީ ލެބޯޓަރީތައް ގާއިމު ކުރަން ވާނެކަމަށް މި ގާނޫނުގައި ވަނީ ބުނެފައެވެ.

ގެއިތުރުން ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަކޮށް ކަމާގުޅޭ ތަފާސްހިސާބުތައް އެއްކޮށް އިވެލުއޭޓް ކުރުމާބެހޭ ކަންކަމާ ގުޅޭ ތަފްސީލުތައް ބަޔާން ކުރެވޭނެ ކަމަށް ޤާނޫނުގައިވެއެވެ. އަދި ގާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ މީހުންނާ މެދު އަދަބެއްގެ ގޮތުން 5000ރ. އާއި 100،000ރ. އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުމަށް ވެސް މި ގާނޫނު ހުއްދަ ކުރެއެވެ.

މީގެ އިތުރުން ގުޑް އެގްރިކަލްޗަރ ސްކީމެއްވެސް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ތައްޔާރުކޮށްފައެވެ.

އެގޮތުން މި ސްކީމަށް ދަނޑުވެރިން އަހުލުވެރިކުރުވައި ސްކީމްގެ ތެރެއަށް ދަނޑުވެރިން ވެއްދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަށު ކައުންސިލްތައްވެސް މިކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355