ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ގައި މިއަދު ހިދުމަތް ކުރައްވަން ފައްޓަވައިފި އެވެ.
އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ އާއި މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ހާއްސަ ފަރުވާދޭ ސްޕެޝަލިޓީއެކެވެ.
އެގޮތުން މިއަދު ވަނީ ޑރ ފަތުހުﷲ ސައީދު އެހޮސްޕިޓަލްގެ އޯޕީޑީގައި ބަލިމީހުން ބައްލަވާފައެވެ. އަދި އާންމުކޮށް އޯޕީޑީ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އުފެދުމުގައި އަދި ލިބޭ އަނިޔާއެއްގެ ސަބަބުން މޫނުމަތީގައިވާ އައިބުތައް، ޓްރޯމާ ފަރުވާ އަދި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާޖަރީ ހެދުން، ފޭޝަލް ކޮސްމެޓިކް ސާޖަރީ، ކޯކަށިގަނޑުގެ ބަލިތަކާއި މޫނުގެ އެކި ތަދުތަކަށް ފަރުވާ ދިނުން އަދި އިމްޕްލާންޓް ސާޖަރީ ފަދަ ހިދުމަތްތައް އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަންސް ދެއްވާނެ އެވެ.