twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނެއްލައިދޫ ކައުންސިލުން ކުނި މެނޭޖުކުރުމުގެ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jan 11, 2020
4

ގިނަ ރަށް ރަށުގައި ކުނީގެ މައްސަލައަކީ ހައްލު ނުކުރެވިފައި އޮތް ބޮޑު މައްސަލައެކެވެ. އެކަން ނުވެ އޮންނަނީ ކުނި މެނޭޖްކުރުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށްވެފައި ކުނި މެނޭޖްކުރުމުގައި ހުރި ބޮޑެތި ދަތިތަކުގެ ސަބަބުންނެވެ. އެކަމަކު އެ ހުރަސްތައް ނައްތާލައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމަށް ބައެއް ކައުންސިލުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ހދ ނެއްލައިދޫ ކައުންސިލުން މިވަނީ ކުނި މެނޭޖްކުރުމުގެ ބުރަ އަދި އުނދަގޫ މަސައްކަތްތަކާ ކުރިމަތިލައި އެކަން ފަށައިގަނެފައި އެވެ. ބޮޑެތި ގޮންޖެހުންތަކާއެކު ފެށި މިމަސައްކަތާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމް ކޭއޯއަށް ވިދާޅުވީ، ކުނި މެނޭޖުކުރުމުގައި މަސައްކަތް ފަށާގަތީ ބޮޑެތި ދަތިތަކާއެކު ކަމަށާއި އެކަމުގައި ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ.

ދައުލަތުގެ އެއްވެސް އެހީތެރިކަމެއް ނެތި މި މަޝްރޫއު ކުރިއަށްގެންދާއިރު އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަމެވެ. އަދި ކުނިކޮއްޓެއް ނެތުމާއި ޖާގައިގެ ދަތިކަމާއި އެކަށީގެންވާ ގޮތުގައި އެންމެ ފުރިހަމަ ތަރުހީބު ލިބެމުންނުދިޔުމަކީވެސް ބޮޑު ގޮންޖެހުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެކަށީގެންވާ ތަރުހީބެއް އަދި ލިބެމުންނުދާތީ އެކަމަށް ހިނގާ ހަރަދުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމަށް މެޝިނަރީސް ނެތުން އެއީވެސް ކައުންސިލަށް މި މަސައްކަތުގައި އޮތް ބޮޑު ގޮންޖެހުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްގެ މާލިއްޔާއިން މުސާރަ ދީގެން 6 މުވައްޒަފުން ނަގައިގެންނެވެ. ހިދުމަތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުމުން ފުރަތަމަ ރަޖިސްޓްރީވީ އެންމެ 28 ގޭބިސީންނެވެ. ނަމަވެސް މިހާރު 96 ގޭބިސީއަކުން ރަޖިސްޓްރީވެފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މީހުން ދިރިއުޅޭ ގޭބިސީތަކުން މަހަކަށް 130ރ ފަޅު ގޯތި އަދި ގެވަޅުތަކުން މަހަކަށް 75ރ އަދި ވިޔަފާރިތަކުން މަހަކަށް 200ރ ނަގާގޮތަށްވަނީ ކައުންސިލުން ނިންމާފައެވެ. އަދި ރަޖިސްޓަރ ނުކުރާ ފަރާތްތަކުން ކުނި އުކާލާއިރު ގޭޓް ފީ އެއްގެ ގޮތުގައި އަގު ނަގާގޮތަށްވެސް ވަނީ ނިންމާފައެވެ.

އެގޮތުން ގޭޓް ފީގެ ގޮތުގައި ވީލްބަރޯގައި ކުނި ގެންދާނަމަ ދަތުރަކަށް 10ރ އަތްގާޑިއަލުގައި ނަމަ ދަތުރަކަށް 15ރ 1.5 ޓަނަށް ވުރެން ބޮޑު ޕިކަޕެއްގައި ނަމަ ދަތުރަކަށް 30ރ ގެ އިތުރުން 1.5 ޓަނަށްވުރެން ކުޑަ ޕިކަޕެއްގައި ނަމަ 20ރ އަދި އާދައިގެ ބާޒާރު ކޮތަޅެއްގައި ނަމަ 3ރ އާއި ބޮޑެތި ކޮތަޅު، ރަތް ކޮތަޅު، ޑަސްބިންކޮތަޅު ގޯނި ބާލިދީ ފަތަ ތަކެތީގައި ނަމަ 5ރ ނަގާނެ ކަމަށެވެ.

ނެއްލައިދޫގައި ދެ ކުނިކޮއްޓެއް އެޅުމަށް ނިމިދިޔަ އަހަރު ބަޖެޓްކުރިނަމަވެސް އެ މަޝްރޫއު އެރަށުގައި ހިންގާފައެއްނުވެ އެވެ. މިވަގުތު ކުނި ނައްތާލަމުންދަނީ އަންދާލެވޭ ޒާތުގެ ކުނި އަންދާ ބަދިގެ ކުނި ވަޅުލައިގެންނެވެ. ނާޒިމް ވިދާޅުވީ، އުންމީދުކުރަނީ ކުރިއަށް އޮތްތާގައި މެޝިނަރީސް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް މަސައްކަތް ކުރިއަށް ގެންދެވުން ކަމުގައެވެ.

އެގޮތުން ކައިރި މުސްތަގުބަލެއްގައި މެޝިނަރީސް ހޯދައި ގަސްކާނާ އުފެއްދުމުގެ މަސަކަތްކުރަން ފަށާނެ ކަމަށެވެ. ގާތްގަނޑަށް 1200 އަށްވުރެ ގިނ މީހުން ދިރިއުޅެމުންދާ މިރަށުގައި 200 އަށްވުރެ ގިނަ ގޭބިސީ ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355