ހިމަބިހި ރާއްޖޭން އަނެއްކާވެސް ފެނުމާ އެކު އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ރާއްޖޭން ނައްތާލައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވާ ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖޭން ފެނިއްޖެ ކަމަށް، މިދިއަ ހަފުތާގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރި އެވެ.
ރާއްޖޭގައި ހިންގާ ގައުމީ ވެކްސިން ޕްރޮގްރާމްގެ ސަބަބުން ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލެވިފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ ޖޫން 2017 ގަ އެވެ.
ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ވެކްސިން ކާޑު ޗެކް ކުރައްވާ، ނުޖެހި ހުރި ވެކްސިންތައް ހަމަކުރެއްވުމަށެވެ. ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެ ނަމަ އެ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައި ވެސް މަދުވާނެކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.4
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރެވޭނީ "މީސްލްސް، މަމްޕްސް، ރުބެލާ" ނުވަތަ އެމްއެމްއާރު ވެކްސިން ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިމަބިއްސަކީ ވަރަށް ބާރަށް ފެތުރޭ ބައްޔެކެވެ. ވެކްސިން ނުޖަހާ ނަމަ، 10 އަހަރުން ދަށުގެ 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. ރާއްޖޭގައި ސަރުކާރުން އަންނަނީ ހިލޭ އެ ވެކްސިން ފޯރުކޮށްދެމުންނެވެ.
ހިމަބިހި ނައްތާލަން 2017 ގައި ހިންގި ގައުމީ ކެމްޕެއިންގައި އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށް ވެކްސިން ދޭން ހަމަޖެއްސި އެވެ. އަދި ގިނަ ބަޔަކު ވަނީ އެ ވެކްސިން އޭރު ޖަހާފަ އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ދީފަ އެވެ.