މިހާރު ރާއްޖޭގެ އެކި ސްކޫލުތަކުގައި ފަށާފައިވާ ވަން ސެޝަން ޕައިލެޓް ޕްރޮގްރާމުގެ ދަށުން މި އަހަރު އަފީފުއްދީން ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދަނީ އެ ޕްރޮގްރާމުގެ ތެރެއިންނެވެ.
މި ޕްރޮގްރާމުގަ ތެރެއިން ހިމެނޭ ކަސްރަތު ޕްރޮގްރާމާއެކު މިއަދު އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަނީ ފަށާފަ އެވެ. ގްރޭޑް 1 ން މަތީގެ ދަރިވަރުން މި ޕްރޮގްރާމުގައި ފަށާފައިވާއިރު މި އަހަރު އެ ސްކޫލުގައި ޖުމްލަ 910 ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ދާނެއެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދެމުންދާ އެ ސްކޫލަށް މުޅިން އަލަށް 103 ދަރިވަރުން ގުޅިފައިވާއިރު، ކިޔަވައިދޭ ގަޑިތަކަށް ވެސް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ އެވެ.
އެގޮތުން ކަސްރަތު ޕްރޮގްރާމުން ކޮންމެ ދުވަހެއްވެސް ފެށުމަށް ހަަމަޖެހިފައިވާއިރު ކަސްރަތު ގަޑިއަކީ ހެނދުނު 6 ން 7 ށެވެ. ދަރިވަރުންނާއި ޓީޗަރުންވެސް މިއަދު ގެ ކަސްރަތުގައި ބައިވެރިވެފައިވާއިރު ކަސްރަތު ޕްރޮގްރާމުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރަށް ވަރަށް ބޮޑު ބަދަލުތެއް އަންނާނެ ކަމަށާއި ކުދިން ކަންކަމަށް ދޭ ސަމާލުކަން އިތުރުވާނެ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.
ކަސްރަތު ސެޝަނަށް ފަހު 8 ޖަހާއިރު ދަރިވަރުން ސްކޫލަށް އަންނަ އިރު ކުދިންގެ ނާސްތާ އޮންނަނީ އެގަޑީގަ އެވެ. 8:20 ގައި ސެޝަން ފަށާއިރު 12:00 ން 13:00 ދަރިވަރުންނަށް ނަމާދު އަދި ލަންޗް ބްރޭކް އިންނާނެއެވެ. 13:35 ގައި ސެޝަން ނިމޭއިރު އޭގެފަހުން 15:00 ހަމައަށް އިތުރު ހަރަކާތްތައް ކުރިއަށް ދާނެއެވެ.
މީގެ އިތުރުން މި އަަހަރު އަލަށް ޕްރީކަބް ވެސް މިއަަހަރު ފެށުމަށް ނިންމާފައިވާއިރު ޕްރީކަބްގައި އަންހެން އަދި ފިރިހެން ކުދިންނަށްވެސް ބައިވެރިވެވޭނެ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ސްކޫލަށް މި އަންނަ ބަދަލީ ވަރަށް އުންމީދީ ބަދަލެއް ކަމަށާއި މިއީ ޓީޗަރުންނާއި ދަރިވަރުން އަދި ގިނަ ބެލެނިވެރިންގެ ފަރާތުންވެސް އެކަމަށް އެދި ބޭނުންވެފަ އޮތް ބަދަލެއް ކަމަށެވެ.